އެކައުންޓިންގ އަދި މާލީ ދާއިރާގެ 400 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ފަށައިފިއެވެ. މިއީ ސީއޭ މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވާ ފޯރަމެކެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް މުހިންމު ފޯރަމެކެވެ. އަދި މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިންގ ޕްރޮފެޝަނަލުންގެ މެދުގައި އަޚްލާޤީ އުސޫލުތައް ތަޢާރަފްކުރުމަށް ހިތްވަރުލިބިގެންދެއެވެ.
ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި ރާއްޖޭގެ އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 400އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެެވެ. އަދި ތަފާތު އެކި މައުލޫތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ބާއްވާނެއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މިއީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްވާ އެއްވުމެއް ނޫން ކަމަށާއި، މާލީ މާހިރުންނާއި ވިޔަފާރިވެރިން، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން، އިންވެސްޓަރުން އަދި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން ޤައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް މި ފޯރަމް ބަދަލުވެފައިވާ ކަމަށެވެ.
އެކައުންޓަންޓުންގެ ފޯރަމެއްގައި އިޤުތިޞާދީ ތަފާތު މައްސަލަތަކާ މެދު ބަހުސްކުރާ ސަބަބާ ގުޅޭގޮތުން ޙަލީމް ވިދާޅުވީ، އޭގެ މައިގަނޑު ސަބަބެއް އެބައޮތް ކަމަށެވެ.
"އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް އައިއެފްއާރްއެސް، އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ އައިއެސްއޭ އަދި ޓެކްސް ފަދަ ޓެކްނިކަލް ދާއިރާތަކަށް ޚާއްޞަކޮށްގެން ސީއޭ މޯލްޑިވްސްއިން ވަކިން ޓެކްނިކަލް ފޯރަމްތަކާއި ސީޕީޑީ ޕްރޮގްރާމްތައް ހިންގަމުންދަން. ދެވަނަ ކަމަކީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމަކީ ސީއޭ މޯލްޑިވްސްގެ މައި ފޯރަމަށް ވުމާއެކު، އިޤުތިޞާދީ، މާލީ، ރެގިއުލޭޓަރީ އަދި ޓެކްނޮލޮޖީއާ ގުޅުންހުރި މުހިންމު ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ގޮތަށް ބާއްވާ ފޯރަމެއް،" ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވިއެވެ.
"ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއެންސް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މިއަހަރުގެ ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ކުންފުނިތަކާއި މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުމަށް މަގުފަހިކުރުމެވެ.
މި ފޯރަމްގައި މާލީ ދާއިރާއާ ގުޅުންހުރި މުހިންމު 12 މައުޟޫޢަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ އިޤުތިޞާދީ ނަތީޖާއާއި، ދަޢުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިތުރުން، ސްރީލަންކާގެ އިޤުތިޞާދީ ކާރިސާއިން ރާއްޖެއަށް ލިބިގަނެވޭނެ ފިލާވަޅުތައް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއެއްވެސް މި ސެޝަންތަކުގެ ތެރޭގައި ހިމެނެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މާލީ ރިޕޯޓިންގ ތައްޔާރުކުރުމަށް އައިއެފްއާރްއެސް އެސް1 އަދި އެސް2 ތަންފީޒުކުރުމާ ގުޅޭގޮތުން ސީއޭ މޯލްޑިވްސްއިން ނިންމާފައިވާ ނިންމުންތަކާއި، ސައިބަރ ރިސްކުތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ. ހަމައެއާއެކު، ރާއްޖޭގައި ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ހުރި ހުރަސްތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ދައުރާއި ޕްރައިވެޓައިޒޭޝަނާ ގުޅޭ ސިޔާސަތުތައްވެސް ދަނީ ބަލައިގަންނަމުންނެވެ.
މީގެ އިތުރުން، އިންޓަރނަލް އޮޑިޓް ޒަމާނީ ކުރުމާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭ އައު ރިޕޯޓިންގ އިލްތިޒާމްތަކަށް އެކައުންޓަންޓުން އަހުލުވެރިކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ. އަދި އާންމުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކޮށް ބަދަލުވަމުންދާ މާޙައުލަށް ތައްޔާރުވުމަށް ބާރުއަޅާ ޚާއްޞަ މޯޓިވޭޝަނަލް ސެޝަނެއްވެސް ފޯރަމްގައި ކުރިއަށްދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.