އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދެއް އެއްވެސް ހާލަތެއްގައި ގަލްފް ސަރަހައްދަށް ވަނަ ނުދޭނޭ ކަމަށް ވިދާޅުވެ އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަދި އީރާނު ސެންޓްރަލް ކޮމާންޑް، ޚާތަމަލް އަމްބިއާގެ ކޮމާންޑަރ މޭޖަރ ޖެނެރަލް އަލި އަބްދުﷲހި އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މޭޖަރ ޖެނެރަލް އަލި އަބްދުﷲހި ވިދާޅުވީ، އީރާނުގެ ސިފައިންގެ މަސައްކަތުން އެމެރިކާ ކަނޑުގެ ސިފައިންގެ މަސައްކަތްތަކާއި، ބާރު ނާކާމިޔާބު ކޮށްލެވި ބަލިކަށި ކޮށްލެވިފައިވާ ކަމަށެވެ.
އީރާނު ސިފައިންގެ މަސައްކަތުން އެމެރިކާ ކަނޑުގެ ސިފައިންނަށް ގަލްފް ކަނޑުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނުވަތަ އީރާނުގެ ސަރަހައްދީ ކަނޑުގެ ވަށައިގެންވާ ކަނޑުތަކާވެސް ގާތް ނުވެވޭ ކަމަށް، މޭޖަރ ޖެނެރަލް އަލި އަބްދުﷲހި ވިދާޅުވިއެވެ.
މޭޖަރ ޖެނެރަލް އަލި އަބްދުﷲހި މި މޭރުމުން ވާހަކަ މި ދެއްކެވީ، އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް އެމެރިކާއިން ސްޓްރައިކް އިތުރު ގްރޫޕްތަކާއި ބަރު ހަތިޔާރު ސަރަހައްދަށް ޖަމާކުރަމުންދާ ވަގުތެއްގައެވެ.
ސަރަހައްދުގައި މިހާރު ތިބި އެމެރިކާގެ ހަނގުރާމައިގެ ލަޝްކަރުތައް ތިބީ އަރަބި ކަނޑުގެ ސަރަހައްދުގައެވެ. އެއީ، އީރާނުގެ ހަމަލާތައް ނުފޯރާނޭ ހިސާބުކަމަށް ބަލައިގެންނެވެ. އީރާނަށް ހަމަލާދޭން އެމެރިކާގެ މަންވަރުތަކަށް ޖެހޭނީ ގަލްފް ކަނޑުގެ ސަރަހައްދަށް ވަންނާށެވެ.
އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނާ ގާތްވެއްޖެނަމަ އެ މަނަވަރުތަކަށް ސީދާ ހަމަލާތައް ދޭނޭ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން މިދިޔަ ހަފްތާގައި އިންޒާރުވެސް ކޮށްފައި ވެއެވެ. އެކަމަށް ބޭނުންވާ އެންޓި ޝިޕް މިސައިލްވެސް އީރާނުން ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެއެވެ.
ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާ ސިފައިންގެ އަތްމަތީގައި ކަމަށާއި، ހޮރްމޫޒު ހުރަސްކުރާ ޓޭންކަރުތަކަށް ހަމަލާދޭ ކަމަށް ބުނެ އީރާނުން ފަތުރަނީ ފޭކް ނިއުސްކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ރޭގައިވެސް ބުނެފައި ވާއިރު، މި އޮކްޓޫބަރުމަސް ވެގެންގޮސްފައިވަނީ ހޮރްމޫޒުން އެންމެ ގިނަ އުޅަނދަށް ހަމަލާދިން މަހަށެވެ. މިމަހުގެ މިހާތަނަށް އެކަނިވެސް 28 ތެޔޮ ޓޭންކަރާއި، އާގު ބޯޓަށް ހަމަލާ ދީފައިވާކަން އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނާއި، ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ރިޕޯޓް ކޮށްފައި ވެއެވެ.
އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދެއް ގަލްފް ސަރަހައްދަށް ވަނަކަ ނުދޭނަން: އީރާން ޗީފް އޮފް ސްޓާފް
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.