ހަރުދަނާ މާލީ ނިޒާމަކާއި ޒިންމާދާރުކަމުގެ ތެރެއިން އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިޤުތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ސިޔާސަތުތައް ބިނާވާންޖެހޭނީ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުން ނޫން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤުތިޞާދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހާއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤައުމު ދަތުރުކުރާ މިސްރާބާ މި އަހަރުގެ ފޯރަމްގެ ޝިޢާރު ގުޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ "ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއަންސް" އެވެ.
ސަރުކާރުން އިޞްލާޙީ ފިޔަވަޅުތައް ފެއްޓެވީ އާމްދަނީ އިތުރުކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށެވެ. އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ފިޗް ރޭޓިންގްސް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވެއެވެ. ޙަޤީޤީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ. މި ތަޞައްވުރު ހާސިލުކުރެވޭނީ ޕްރައިވެޓް ސެކްޓަރު އިސްވެ އޮންނަ، ފުޅާ އަދި ޑިޖިޓަލް އިޤުތިޞާދެއް އޮވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މިންގަނޑުތައް ދެމެހެއްޓުމުގައި ސީއޭ މޯލްޑިވްސްއިން އަދާކުރާ ދައުރު ބޮޑު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ އިންސްޓިޓިއުޓްގެ ރެގިއުލޭޓަރީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އެކައުންޓެންސީ ދާއިރާގައި ބައިވެރިވުން އިތުރުކުރުމަށް ސީއޭ މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަށް ވަޒީރު މަރުޙަބާ ވިދާޅުވިއެވެ. މީގެ ތެރޭގައި "އެކައުންޓެންޓްސް އިން ބިޒްނަސް" ރަޖިސްޓްރޭޝަނާއި ޒުވާން ހުނަރުވެރިން އުފެއްދުމަށް ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.