މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރި ނަމަވެސް، އިގުތިސާދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އަލިމަގުތަކެއް ފެންނަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގެ ނުވަ ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދައުލަތުގެ މާލީ ހާލަތާއި ކުރިއަށް ހުރި ރޭވުންތަކާ ބެހޭ ގޮތުން ތަފުސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ސަރުކާރުގެ ދައުރު ފެށުނު ފަހުން މިހާތަނަށް ދައުލަތުގެ ދަރަނިތައް އަދާކުރުމަށް 1.42 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހިނގަމުންދާ އަހަރަކީ ދަރަނި ދެއްކުމުގައި އެންމެ ބުރަ އަހަރު ނަމަވެސް، ލޯނުތަކަށް ފައިސާ ދެއްކުމުގައި ހޯދިފައިވާ ކާމިޔާބީއާ އެކު ކުރިއަށް އޮތް ތަނުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

އިޝްތިހާރު އިޝްތިހާރު

މިނިސްޓަރު ވިދާޅވި ގޮތުގައި އިގުތިސާދު ރަނގަޅު މިސްރާބަކަށް ދާކަމުގެ އެންމެ ބޮޑު އެއް ހެކިަކީ ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ހެޔޮ ބަދަލެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހެން ގައުމުތަކުން ވެސް ބަލައިގަންނަ ކަމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ މާލީ ކުރިމަގުން ވަރަށް އަލި ދުވަސްތަކެއް ފެންނަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ޒަރީރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ، އަހަރު ފެށުނީ ވަރަށް އުންމީދީ ގޮތަކަށް ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ސަރުކާރުން ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ވަނީ ބޮޑުވެފައެވެ.

އެގޮތުން މިއަހަރު ސަބްސިޑީގެ ގޮތުގައި ހަރަދުކުރުމަށް ސަރުކާރުން ބަޖެޓްކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާ ނަމަވެސް، އަހަރުގެ މިހާތަނަށް އައިއިރު ސަބްސިޑީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.