މޫސުމީ ނުރައްކާތަކަކީ އިޤުތިޞާދަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި، ގްރީން ފައިނޭންސިންގ ފުރުޞަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމް ކުރިއަށްދިޔައީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ޝިއާރުގެ ދަށުންނެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިޤުތިޞާދަށާއި ތަރައްޤީގެ އަމާޒުތަކުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމަށާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާއިރު، މި ވަސީލަތްތައް ރައްކާތެރިކުރުމަކީ އިޤުތިޞާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު ކަންކަން ކަމަށްވާ ކްލައިމެޓް ފައިނޭންސާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑު އިސްލާޙުކުރުން އަދި އަމަލީ ގޮތުން ތަންފީޒުކުރުމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ. މޫސުމީ ނުރައްކާތައް މެނޭޖުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ނުޖެހޭނެހެން ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ "ވިޝަން 2040" ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާއާއި، އިއާދަކުރަނިވި ހަކަތައާއި، ފެނުގެ ރައްކާތެރިކަމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤުވާމީ ހިލޭ އެހީގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށާއި، ގްރީން ފައިނޭންސް މުހިންމުވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި އިޤުތިޞާދީ އަގު އުފައްދާ އިންވެސްޓްމަންޓްތަކަށް ރައުސްމާލު އަމާޒުކުރުމަށް ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުޑަ އިޤުތިޞާދެއްގައި މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ހަމައެކަނި ސަރުކާރުގެ ވަސީލަތްތަކުން ނޫން ކަމަށާއި، ބައިނަލްއަޤުވާމީ ރައުސްމާލާއި ފަންނީ އެހީތެރިކަން ބޭނުންވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުން ކަމަށާއި، ބޭންކުތަކުން އާ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށާއި ވިޔަފާރިތަކުން ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް ވަޒީރު ޙަސަން ޒަރީރު ވަނީ ގޮވާލައްވާފައެވެ.