ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ޢަދަދު 100,000 (އެއްލައްކަ) އިން މައްޗަށް އަރައި، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މީގެ ކުރިން ނުފެންނަ ފަދަ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ސާބިތު އުސޫލުތަކާއި ސިޔާސަތުތަކުގެ ދަށުން ޕާޓީގެ ސަފުތައް ބަދަހިކުރަން ފެށި މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީއެކެވެ.
ޕާޓީގެ ދަފްތަރު ދައްކާ ގޮތުން ޖެނުއަރީ 2024 އަށް އެޅުނުއިރު 28,201 ގައި ހުރި މެންބަރުންގެ ޢަދަދު، ހަމަ އެ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ވަނީ 68,968 އަށް އުފުލިފައެވެ. އެއާއެކު ދިވެހިރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ދަރަޖަ ޕީއެންސީން ހޯދިއެވެ.
މެންބަރުން އިތުރުވުމުގެ މި ހަލުވި ދުވެލީގައި 2025 ވަނަ އަހަރު ނިމުނުއިރު މެންބަރުންގެ އަދަދު ވަނީ 74,048 އަށް އަރާފައެވެ. އަދި 2026 ވަނަ އަހަރު ކުރިއަށްގެންދިޔަ ޚާއްޞަ ޙަރަކާތްތަކާއެކު މި ޢަދަދު ވަނީ 98,000 ފަހަނައަޅައި، މިހާރު އެއްލައްކައިގެ އިން ވެސް ފަހަނައަޅާފައެވެ.
ސިޔާސީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވެރިކަމުގެ މިހާ ކުރު މުއްދަތެއްގެ ތެރޭގައި 70,000 އިން ފެށިގެން 95,000 އާ ދެމެދުގެ ޢަދަދަކަށް މީހުން ޕާޓީއަކާ އަލަށް ގުޅުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް މީގެ ކުރިން ފެނިފައިނުވާ ވަރުގެ ބޮޑު ކުރިއެރުމެކެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ މައިދާނުގައި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދު އޮތްކަން ހާމަވާ ކަމެއްގެ އިތުރުން، ސަރުކާރުން ރައްޔިތުންނާ ގާތުން ބަހައްޓާ ގުޅުމުގެ ނަތީޖާއެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.