އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ ނޮވެންބަރު 17 ވީ އަންގާރަ ދުވަހު އޮތް، މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ %30 އިން %25 އަށް ކުޑަކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

މި އިޞްލާޙުގައި ވާގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.