ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވައިލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާންގެ ފޯނު ބޭރަށް ފޮނުވައިގެން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދުގެ މުއްދަތު މިއަދު ވަނީ އިތުރު 15 ދުވަހަށް ދަމަހައްޓައިފައެވެ.
މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ޢަބްދުﷲ ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމާން 'އެކްސް'ގައި ގެންގުޅުނު އައިޑީގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އޭނާގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން އޭނާއާއި އެ އައިޑީއާ ދެމެދު ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ، ޖުމާން އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައި ނުވާ ކަމަށާއި ފޯނުގެ ލޮކް ކޯޑު ކްރެކް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަހުގީގު އޮފިސަރު ކޯޓުގައި ވިދާޅުވެފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ. ޖުމާން ވަނީ އަލިފާން ރޯކުރަން ގޮވާލައި 'އެކްސް' އެކައުންޓުގައި ކުރި ޕޯސްޓު ފަހުން ޑިލީޓުކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ވެސް ޖުމާން ހައްޔަރުކުރިއެވެ.
ޖުމާން ހައްޔަރުކުރުމުގެ ކުރިން، މިފަދަ އެހެން މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލުމުގެ ތުހުމަތުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.