މިސްކިތްތަކުގެ ޙުރުމަތް ކަނޑައިގެން ތަކުރާރުކޮށް ހައްޔަރުކުރަމުން އަންނަ ނައުޝާދު މޫސާ، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 2، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައިވަނީ މާލޭ ފުރުޤާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި އަންނައުނު ބާލައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި ކަމަށް ބުނެ، އަނިޔާ ލިބުނު ފަރާތުން ފުލުހުންގެ އިދާރާއަށް ހާޒިރުވެ ރިޕޯޓުކުރުމާ ގުޅިގެންނެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މިސްކިތްތަކުގެ ތެރޭގައި ހުތުރު ޢަމަލުތައް ހިންގުމުގެ ދިގު ރެކޯޑެއް އޮންނަ ނައުޝާދު، އެންމެ ފަހުން ހައްޔަރުކުރީވެސް ފުރުޤާން މިސްކިތުގެ ތެރެއަށް ޤަޟާޙާޖާ ކުރި މައްސަލައެއްގައެވެ. މިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކުރުމަށްފަހު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ކުށް ސާބިތުވެ މި މަހުގެ 1 ވަނަ ދުވަހު އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. ނަމަވެސް ބަންދުގައި ހޭދަކުރި އެއް މަހާއި 21 ދުވަސް އެ ޙުކުމުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތުމުން އޭނާ ވަނީ މިނިވަންވެފައެވެ. އޭގެ ފަހުންވެސް އޭނާ އެ މިސްކިތުގައި ނިދާފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވިއެވެ.
ނައުޝާދަކީ މީގެ ކުރިންވެސް ފުރުޤާން މިސްކިތުގެ ޙުރުމަތް ކަނޑައި، އެ މިސްކިތުގައި ހުރި ޤުރުއާން ކިޔަވާ ޙަތިމުތައް އުކާލުމާއި، ކަރަންޓު ބޯޑުތަކަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.
ފުލުހުން ބުނީ، މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.