މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މާލެއިން 1.7 ކިލޯގެ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްދީފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި، 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން 25 އަހަރުގެ މުޙައްމަދު ނާހިލްއެވެ. މިއީ މި މައްސަލައިގައި އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.
މި ތިން މީހުން ފުރަތަމަ ހައްޔަރުކުރީ 3 ސެޕްޓެމްބަރުގައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން 20 ދުވަހުގެ މުއްދަތެއް ދިނީ 19 އޮކްޓޯބަރުގައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. އެގޮތުން ސީން އޮފް ކްރައިމް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި، މަސްތުވާތަކެއްޗާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާގެ އިތުރުން ފިންގާޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސް ވަނީ ހުށަހަޅާފައެވެ.
މަސްތުވާތަކެތި ފެނުނު ތަނަކީ އެ ތިން މީހުންނާވެސް ގުޅުންހުރި ތަނެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަޢުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާއިރު، އަވަސްކަމާއެކު ދަޢުވާ އުފުލައި ޝަރީޢަތް ކުރިއަށްގެންދިއުމަށް މުހިންމު ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އީޝާއާއި ނާހިލް ތިބި ތަނުގައި ހާމައަށް މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ބުނެފައިވާ އިރު، މަސްތުވާތަކެތި ހުރި ޕެކެޓުތަކުން ޝާވިންގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ތަހުގީގު ނިމުމުން ޝާވިންގެ މައްޗަށް މީގެ ކުރިން ޑްރަގް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ހުރަހެއް ނެތް ކަމަށްވެސް އަމުރުގައިވެއެވެ.
ފުލުހުންގެ މި އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން، މަސްތުވާތަކެތި އެކުލެވޭ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވަނީ ހޯދާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.