މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރި މައްސަލައެއްގައި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު އޭނާގެ ކޮޓަރިން ފެނުނު ފައިސާތައް ދައުލަތަށް ނެގުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އިތުރު ބަޔަކާއެކު ޔާމީން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ތުހުމަތުކުރެވުނު މައްސަލައެކެވެ.

މި ހުކުމް އިއްވާފައި ވަނީ މއ.ޑެނިޔުބް، ހުސައިން ޔާމީން އިބްރާހިމްގެ މައްޗަށެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދަނިކޮށް މަގުމަތިން ހުއްޓުވައި ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ކޮޓަރި ބަލައި ފާސްކުރިއިރު ޑްރަގްގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ވަނީ ފެނިފައެވެ.

އެ މައްސަލައިގައި ކޮޓަރީގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި މެފެޑްރޯން ފެނުނު އިރު، އޭނާގެ ޖީބުގައި އޮތް ވޮލެޓުން 5105 ރުފިޔާ ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ކޮޓަރީގެ ކަބަޑުމަތިން 35010 ރުފިޔާ އާއި ސެލްފް މަތިން 50025 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުންގެ ރިޕޯޓްތަކުން އެނގެއެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އޭނާގެ ކޮޓަރިން ފެނުނު ޖުމްލަ 90،140 ރުފިޔާއަކީ ކިހިނެއް ހޯދި ފައިސާއެއްކަން ބުނެދެވިފައި ނުވާތީ، އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ނިންމައި އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް ޔާމީން ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ 14 އަހަރާއި 11 މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ އަންގާފައެވެ. އަދި މައްސަލައިގައި ފެނުނު 90،140 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.