ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން 82 ބްލެޓްގެ ކޮކެއިން ރާއްޖެއަށް އެތެރެކުރަން އެހީތެރިވި މައްސަލައާއެކު މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި، މ. އިދާލާގެ، އާލިފް ވަހީދު 29 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުމުގެ ދައުވާއާއި، ކެނަބިހުން މުއާމަލާތްކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދެ ދައުވާއެކެވެ. މިއިން ކޮންމެ ދައުވާއެއްވެސް ކޯޓުގައި ވަނީ ސާބިތުވެފައެވެ.

ކޮކެއިން އެތެރެކުރުމަށް އެހީތެރިވި މައްސަލައަކީ ދޯހާމަގުން ރާއްޖެއައި ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ ދިރުވާލައިގެން މަސްތުވާތަކެތި ގެނެސްފައިވާ މައްސަލައެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ނައިޖީރިއާ މީހާ ހައްޔަރުކުރީ އެއާޕޯޓަށް އައުމަށްފަހު ޝެރަޓަން މޯލްޑިވްސްގެ ލޯންޗަށް އަރަން އުޅުނު ވަގުތުއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އޭނާގެ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެއާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ހެދި ސީޓީ ސްކޭނުން އެކަން ކަށަވަރުވުމުން، ފުލުހުން ވަނީ އިޖުރާއީ ލިޔެކިޔުންތައް ފުރިހަމަކުރަން އޭނާ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުކޮށްފައެވެ.

އޭނާ ތަހުގީގު އިދާރާގައި ހުރިއިރު ތިން ފަހަރެއްގެ މަތިން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ޖުމްލަ 56 ބްލެޓް ނެގިއެވެ. އެއީ ފުރަތަމަ ފަހަރު 26 ބްލެޓާއި، ދެވަނަ ފަހަރު 16 ބްލެޓުގެ އިތުރުން ތިންވަނަ ފަހަރު ނެގި 14 ބްލެޓެވެ.

އެއަށްފަހު ދޫނިދޫ ކްލިނިކްގައި އެޑްމިޓްކޮށްގެން ހަތަރު ފަހަރެއްގެ މަތިން އިތުރު 25 ބްލެޓް ނެގިއެވެ. އޭގެ ހަ ދުވަސް ފަހުން ހެދި ސީޓީ ސްކޭނުން އިތުރު ބްލެޓެއް ފެނުމުން، ކޯޓު އަމުރެއްގެ ދަށުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ނެގި ބްލެޓާއެކު ޖުމްލަ 82 ބްލެޓް ވަނީ އަތުލައިގެންފައެވެ. ތަހުލީލު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ އެއްޗެހީގައި ހުރީ ކޮކެއިންއެވެ.

އާލިފް ވަހީދު ހައްޔަރުކުރީ އެއާޕޯޓުގައި ނައިޖީރިއާ މީހާގެ ފަހަތުން އެކި ގޮތްގޮތަށް ހަރަކާތެރިވަމުން ދަނިކޮށެވެ. އޭނާ ވަނީ ނައިޖީރިއާ މީހާ ރާއްޖެ އެތެރެވުމަށް ޝެރަޓަން ރިސޯޓާއި ކ. ގުރައިދޫ ޕާމިން ގެސްޓްހައުސްއިން ބުކިން ހަދައިދީ، މަސްތުވާތަކެތި އެތެރެކުރުމަށް އެހީތެރިވެދީފައެވެ.

މި މައްސަލައިގައި އާލިފް 18 އަހަރަށް ޖަލަށް ލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ އަންގައިފައެވެ.

ކެނަބިހުން މުއާމަލާތްކުރުމުގެ ދައުވާ އާލިފްގެ މައްޗަށް ކުރީ މ. އީޑަބުލިޔުޓީ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، އަލަމާރި މަތިން ކެނަބިސް ހުރި ފިލްމު ހުސްކުރި 3 ދަޅު ފެނުމުންނެވެ. އޭނާ އެ ތަކެތި ޕެޑްލްކުރި ކަމަށް އިއުތިރާފުވުމުން 5 އަހަރުގެ ޖަލު ހުކުމަކާއެކު 15,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން ހައްޔަރުކުރި ވަގުތު ޖީބުން ކޮކެއިން އަޅާފައި ހުރި 3 ރަބަރު ޕެކެޓު ފެނުނު މައްސަލައާއި، ކުޑަކަމުދާ އެއްޗެހި ކޮކެއިންއަށް ޕޮޒިޓިވްވި މައްސަލައިގައި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދެ ދައުވާއިން ކުރިމިނަލް ކޯޓުން ވަނީ މިއިން ކޮންމެ މައްސަލައެއްގައި 3 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.