ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ލަލްތުލަންޕަރި 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓުގައި މައްސަލަ ކުރިއަށްދަނިކޮށް، އޭނާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އިންޑިއާގެ މި ރައްޔިތު މީހާ ރާއްޖެ އައީ 12 އޭޕްރީލް 2023 ވަނަ ދުވަހު ދުބާއީ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެމިރޭޓްސް އެއާލައިންގެ ފްލައިޓަކުންނެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާގެ ލަގެޖު ބަލައިފާސްކުރަންޖެހޭ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިންޓެލިޖެންސުން މައުލޫމާތު ދިނުމާ ގުޅިގެން ކަސްޓަމްސް އޮފިސަރުން ވަނީ އޭނާ ގެނައި ޓްރޮލީ ބޭގު ފާސްކޮށްފައެވެ.

އެ ބަލައިފާސްކުރުމުގެ ތެރޭގައި ޓްރޮލީ ބޭގު ތެރޭގައި އޮތް ހޭންޑްބޭގެއްގެ ފޮތިގަނޑު ފަހާފައިވާތީ އެ ތަން ކަފާލައިގެން ބެލިއިރު، ދެ އަރިމަތިން ޓޭޕްކޮށްފައި ހުރި ރަބަރު ޕެކެޓުތަކަކުން ކޮކޭން އާއި ޑައިމޯފިން ފެނިފައިވެއެވެ.

އަދި އިތުރަށް ޝައްކުކުރެވިގެން ޓްރޮލީ ބޭގުގެ އިސްކުރުތައް ނައްޓައި ކޮންސީލްމަންޓް ނަގައި ބެލިއިރު، އެ ބޭގުގެ މަތީފުށުން ވެސް ޑައިމޯފިން ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ޝަރީއަތުން ކުރި ހުކުމުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 50،000 ރުފިޔާ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސްކުރަންޖެހޭނެއެވެ.