ބ. އޭދަފުށީގައި އިމާރާތްކުރާ އައު އިސްލާމީ މަރުކަޒުގެ ބިންގާ، އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަޅައިދެއްވައިފިއެވެ.

މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝުޖާޢުގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ. މި އިމާރާތަކީ ދެ ބުރިއަށް ބިނާކުރާ އިސްލާމީ މަރުކަޒެކެވެ.

މި މަރުކަޒުގައި އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތެއް ހިމެނެއެވެ. މީގެ އިތުރުން މަލްޓިޕަރޕަސް ހޯލަކާއި 3 ކްލާސްރޫމާއި އިސްލާމީ ކުތުބުހާނާއެއް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އިމާރާތުގައި އިދާރީ އޮފީހަކާއި ހާއްސަ ހިފްޒް ކްލާސްރޫމެއްގެ އިތުރުން އެކަށީގެންވާ ހިނަވާގެއެއްވެސް ގާއިމުކުރާނެއެވެ. މި ވަސީލަތްތަކުގެ މަގުސަދަކީ ދީނީ ތައުލީމާއި އިޖުތިމާއީ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ސަލީމާއި ޑޮކްޓަރ މުޙައްމަދު ޝުޖާޢު ވަނީ ދީނީ ބިނާތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އިސްލާމީ ތައުލީމާއި އިޖުތިމާއީ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމުގެ ސިޔާސަތު ކުރިއަށްގެންދަމުންނެވެ. އޭދަފުށީ އިސްލާމީ މަރުކަޒުގެ މަޝްރޫއަކީ ރަށްރަށުގެ ފެންވަރުގައި ދީނީ ހިދުމަތްތައް ވަރުގަދަކުރުމަށް ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.