ދިވެހިރާއްޖޭގެ އިމާމުންނާއި ހަތީބުން އިމާމުވެ ނަމާދުކުރާއިރު އަދި ހުތުބާ ކިޔާއިރު އަޅާނެ ހެދުމުގެ ވަގުތީ ޑިޒައިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އާންމުކުރައްވާފައެވެ. ފޭސްބުކް މެދުވެރިކޮށް ދައްކާލެއްވި މި ހެދުމާއި ބޮލުގައި އަޅާ ތާކިހަލުގެ ފަރުމާއިން މުޅިންވެސް ފެންނަނީ ދިވެހިވަންތަކަމުގެ އަސަރުތަކެވެ.
މި ހެދުން ޑިޒައިން ކުރުމުގައި މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ދިވެހިން ވިޔެ އުޅުނު ތުނޑުކުނަލާއި، އަދި އާސާރީ ގެދޮރާއި މިސްކިތްތައް އެޅުމުގައި ބޭނުންކޮށްފައިވާ ހިރިގަލުގެ ފަރުމާތަކުން ހިޔާލު ހޯދާފައިވެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އަދި ފުރަތަމަ މަރުހަލާގެ ޑިޒައިނެއް ކަމަށާއި، ހެދުމުގެ އާންމު ޑިޒައިން އެއްކޮށް ނިންމާނީ އާންމުންގެ އެންމެ ގިނަ ބަޔަކު އެދޭ ގޮތަށް ބަލައިގެންނެވެ.
ރާއްޖޭގެ ހަތީބުންނާއި އިމާމުންގެ ވަކި ރަސްމީ ފޭރާމެއް ނޯންނަކަން ފާހަގަކުރައްވަމުން، މިފަދަ ރަސްމީ ހެދުމެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމާއި، ދީނީ ސަގާފަތުގެ ތެރެއަށް ވަންނަމުންދާ ބިދޭސީ އާދަކާދަތަކުން ސަލާމަތްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަހަށް މި ހެދުން ތައްޔާރުކޮށް، އިމާމުންނާއި ހަތީބުން ބޭނުންކުރަން ފެށޭވަރު ކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު