މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދީނީ ނަސޭޙަތާއި ޒިކުރުތައް ހިމެނޭ ބޯޑުތައް ހަރުކުރުމަށް ސަރުކާރުން ފެށި ޤައުމީ މަޝްރޫޢުގެ ދަށުން، މާލެ އަތޮޅުގެ ރަށްތަކުގައި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރިވެތި އާދަކާދަތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ މަޝްރޫޢެކެވެ. މި ކަން ކުރިއަށްގެންދަނީ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުނާސަބަތާއެކުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޯޑުތައް މިހާރު ވަނީ ފޮނުވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އަތޮޅުތަކުގެ ރަށްތަކަށްވެސް މި ބޯޑުތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ބޯޑުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާންމު ސަރަޙައްދުތަކާއި މައި މަގުތަކުގައެވެ. އާންމުންނަށް ފަސޭހައިން ފެންނާނެހެން ބަހައްޓާ މި ބޯޑުތަކުގައި ހިމެނޭނީ ޒިކުރުތަކާއި ހެޔޮ ނަސޭޙަތުގެ ބަސްކޮޅުތަކެވެ.
ސަރުކާރުގެ ބަޖެޓުގެ އިތުރުން އާންމު ރައްޔިތުންނާއި މަދަނީ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ހެޔޮކަންކަމުގެ ހަނދާން އައުކޮށްދީ، ދީނީ ކަންކަމަށް ހިތްވަރުދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ނަސޭޙަތުގެ ބޯޑުތައް ބަހައްޓަވާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު