ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ދެ އިންތިޚާބު ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ވޯޓުލުމުގައި އެ ޕާޓީން ކާމިޔާބުކޮށްފައިވަނީ ރަށު ކައުންސިލަރުންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ މަޤާމެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލުތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް ވަނީ 314 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 58.04 އިންސައްތައެވެ. މި މަޤާމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މީގެއިތުރުން، މި ވޯޓުގައި ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ހޯއްދެވީ ވެސް ޕީއެންސީގެ ކެންޑިޑޭޓެވެ.

އިޝްތިހާރު އިޝްތިހާރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބޭއްވި ވޯޓު ވެސް ޕީއެންސީން ކާމިޔާބުކުރީ 26 ވޯޓުގެ ތަފާތުންނެވެ. އެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓަށް 89 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 63 ވޯޓެވެ.

ލާމަރުކަޒީ ޤާނޫނު ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ތެރެއިން އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ ވޯޓުލުމަކާ ނުލައި މީގެކުރިން އެ މަޤާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މިއަދު ބާއްވާފައިވަނީ ބާކީ އޮތް ދެ މަޤާމުގެ އިންތިޚާބެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، މި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤަވާޢިދާ އެއްގޮތަށް އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ދައުރު އަދާކުރާ އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އަދި އެ އޮތޯރިޓީގެ ސީއީއޯގެ މަޤާމުގައި ހުންނެވީ މުޙައްމަދު ނިމާލެވެ.