ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު އެ އޮތޯރިޓީން ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެލްޖީއޭއިން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ހާއްސަ އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް 3 މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ ތެރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މިހާރު އެލްޖީއޭގެ ބޯޑަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުންގެ ތެރެއިން ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި، 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިއުޑީސީ ތަމްސީލުކުރައްވާ 182 ރައީސުންނެވެ. އިންތިހާބުގެ ވޯޓުލުމަށްޓަކައި ޖުމްލަ 19 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިހާބުގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި ނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ސަރުކާރުގެ ހިދުމަތް މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓު ފޮށި ބަހައްޓާނީ ހުޅުދޫ އިޖުތިމާއީ މަރުކަޒު (ކުރީގެ ހުޅުދޫ ސްކޫލް) ގައެވެ.

އެލްޖީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، ވާދަކުރާ ދެ މަގާމަށް ހާއްސަކޮށްގެން ބޭނުންކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެއެވެ. އަދި ވޯޓުލުން ނިމި ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.