އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

މިއީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ. މި އިންތިޚާބު އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ 4 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ނ. ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތިލާފައިވަނީ އެމްޑީއޭގެ ފަރާތުން ޢާއިޝަތު ސުހާ މުޙައްމަދު ސިނާން ކަމަށްވާތީ އޭނާއަށް އެ ގޮނޑި ކާމިޔާބު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި އިންތިޚާބުގައި ކޮންމެ ދާއިރާއަކުން 2 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. މި މަޤާމުތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު މިހާރު ވަނީ ތަރުތީބުކޮށްފައެވެ.

ވ. ތިނަދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުން
• ކެންޑިޑޭޓް ނަންބަރ 1: ޝުޖާޢު ޢަލީ، ވ. ތިނަދޫ / ދިލްބަހާރުގެ، އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 2: އަޙްމަދު އަމަން މުޙައްމަދު، ވ. ތިނަދޫ / ނަޔާ، ޕީއެންސީ

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު
• ކެންޑިޑޭޓް ނަންބަރު 1: ޒީނާ އަޙްމަދު، ވ. ތިނަދޫ / ނަޔާ، އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ރިސްފާ ނަސީމް، ވ. ތިނަދޫ / ހަތާ، އެމްޑީޕީ

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް
• ކެންޑިޑޭޓް ނަންބަރު 1: ރިޝްމާ އާދަމް، ހއ. ވަށަފަރު / ނަރުގިސްވިލާ، އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޒައިނާޒް އަޙްމަދު، ހއ. ވަށަފަރު / ތޫރި، ޕީއެންސީ

އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު
• ކެންޑިޑޭޓް ނަންބަރު 1: ފާޠިމަތު ނަބާހާ، ސ. ހުޅުދޫ / ސެލްޓަން، ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 2: ފާޠިމަތު މުނީރު، ސ. ހުޅުދޫ / އަންބަރީގެ، އެމްޑީޕީ

މި ބައި-އިލެކްޝަންގައި 3،776 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ. އެއީ ވ. ތިނަދޫއިން 185 މީހުންނާއި ހއ. ވަށަފަރުން 688 މީހުން އަދި އައްޑޫ ހުޅުދޫއިން 2،903 މީހުންނެވެ.

ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާހަމައަށެވެ.