އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" އެވެ.

އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުންނެވެ. ހުކުރު ޚުޠުބާގައި ވިދާޅުވީ މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާނުކުރެވޭނެކަމަށެވެ. މިއަދު އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު، ދުވަހުންދުވަހަށް ދަށްވާ ވާހަކައެވެ. ޢާއިލާގެ ތެރޭގައި އޮންނާންވާ ގުޅުންތައް ނޯންނަ ވާހަކައެވެ. ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކައެވެ. މި ކަންތައްތައް އިޞްލާޙުކުރާން މަސައްކަތްކުރާން ވެއްޖެ ވާހަކައެވެ. މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރީންނަށް ދެވޭ ތަޢުލީމު ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އިސްލާމްދީންމަތީގައެވެ. އިސްލާމްދީނުގައި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވައެވެ. ނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތުންނެވެ. އެ ކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުންނެވެ" ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރީން ތުއްތު ކުދީން ގެންގުޅެ ބޮޑުކުރާ އިރު، ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، އެ ކުދީންގެ މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރާން ދަސްކޮށްދޭން ޖެހޭނެ ކަމަށެވެ. އެ ކުދީންގެ ތިމާގެ މީހުންނަކީ ކޮބައިކަން ބުނެދޭން ޖެހޭނެ ކަމަށެވެ. އެ ކުދީން ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮންބަޔަކާކަން އަންގައިދޭން ޖެހޭނެ ކަމަށެވެ.

އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ނަންދެއްވައިފައިވަނީ، ﷲ تَعَالَىގެ އިސްމުފުޅު "الرَّحْمَـٰن"އާ ގުޅުވައިގެންނެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ. ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޚުޠުބާގައި ވިދާޅުވީ ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ ކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެންނެވެ. ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވައިފައެވެ. ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބުކަމަކަށްވީ ހިނދު، މައިންބަފައިން ކުރާ އަމުރަށް ކިޔަމަންވާން ޖެހޭނީ، اللهއަށް އުރެދެވޭކަމަކަށް އެ މީހުން އަމުރުނުކުރާހައި ހިނދެއްގައެވެ. އެހެނީ ޚާލިޤުވަންތަ اللهއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއްނެތެވެ. އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެއުލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭކަމެއްނޫނެވެ. ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހެއެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބައަކަށްހެދުމަށް މަސައްކަތްކުރާން ޖެހޭނެ ކަމަށެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ޝައްކެއްނެތް ގޮތުގައި، މި ގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންނެވެ. މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދުދެއްވައިފައިވަނީ އެބައިމީހުންގެ ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށެވެ. ހަމަ އެއާއެކު ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.