ޤާނޫނީ ވަކީލުކަމުގެ ހުވާ 9 ބޭފުޅަކު ކުރައްވައި ވަކީލުކަމުގެ ހުއްދަ ޙާޞިލުކުރައްވައިފިއެވެ. ވިލާ ކޮލެޖް ކެމްޕަސް ހޯލްގައި މިކަމަށްޓަައި ބޭއްވި ރަސްމިއްޔާތުގައި ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުހައްމަދު ސަލީމެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ބާ ކައުންސިލުން މިއަހަރު ބޭއްވި ހަތަރުވަނަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މިރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި 9 ބޭފުޅުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ. ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހްމާން އަލްއުސްތާޛް މުހައްމަދު ސަލީމެވެ.

ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެއްވި 9 ބޭފުޅުން އެ ފަންނާ ގުޅިވަޑައިގެންނެވީ، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ (ކޮލިފައިންގ ލޯ ޑިގްރީ) ޙާޞިލުކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފުރިހަމަކުރައްވައި، އަދި ބާ އިމްތިޙާނު ކާމިޔާބުކުރައްވައިގެންނެވެ.

އިޝްތިހާރު އިޝްތިހާރު

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ޢިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އެކުލެވޭ އެއްޗެއްކަން ފާހަގަކުރައްވައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި މުޖުތަމަޢުގެ ލާބައަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޝަރުޢީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖް ދެއްކެވި ވާހަކައިގައި، ވަކީލުކަމުގެ ހުވަޔަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަގަހައްޓައި، އަމާނާތްތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ ވަރުގަދަ ޢަހުދެއްކަން ފާހަގަކުރެއްވިއެވެ. އަދި މުވައްކިލުންގެ ސިއްރު ހިފެހެއްޓުމާއި ސުލޫކީ މިންގަނޑުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން، ޤާނޫނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނިކަމެތިންނަށް ހިލޭ އެހީތެރިކަން (ޕްރޯ-ބޯނޯ) ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

ބާ ކައުންސިލުގެ ރައީސް ވިދާޅުވީ، ކޮލިފައިންގ ލޯ ޑިގްރީގެ އެންމެ ދަށް މިންގަނޑަށް ގެނައި އިޞްލާޙާއެކު، 1 ޖަނަވަރީ 2027 އިން ފެށިގެން އެ ޕްރޮގްރާމްތަކުގެ އިމްތިޙާނުތައް ހަދަންޖެހޭނީ ހާޒިރުވެގެން ކަމަށެވެ. މިއީ ޤާނޫނީ ޚިދުމަތް ދޭ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް ގެނައި ބަދަލެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ އިތުރުން، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ލޯ ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަލަށް ހުވައިކުރެއްވި 9 ވަކީލުންނާއެކު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން މިހާތަނަށް ވަނީ 572 ފަރާތަކަށް ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި މިހާރު ތިއްބެވި ޖުމްލަ ވަކީލުންގެ ޢަދަދަކީ 1985އެވެ.