ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް، ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
މި ބިލް މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލަށް ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރަން ގޮވާލައި މަޖިލީހަށް މި ފަހުން ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. އެ ޕެޓިޝަނަށް 10،000 އަށް ވުރެ ގިނަ ސޮއި ލިބިފައިވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މި އިސްލާހަށް އަކުރެއް އިތުރު ކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވިއެވެ. އެއީ ކައުންސިލުތަކުގެ އިހުތިސާސްއިން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް މާލީ ވުޒާރާއިން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް ބަޔާންކުރާ އަކުރެވެ.
ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މި ބިލް ފާސްކުރީ، އިސްލާހާ ވެސް އެކުގައެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި އެގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމަށްވާނެ ކަމަށް ބިލުގައިވެއެވެ.
ޕެޓިޝަލްގައި ބުނެފައިވަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ބާތިލް އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވުޖޫޖުގައި ނުވާ ވާހަކަތަކެއް ކަމަށެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ޚިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭ ކަމެއް ކަމަށް ޕެޓިޝަންގައިވެއެވެ.
ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫން ކަމަށާއި ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެއް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. އެހެންވެ، މި އިސްލާހުގެ މައިގަނޑު ގާނޫނީ ރޫހަކީ އަދި މަގްސަދަކީވެސް އެއްވެސް ހުރަހެއްނެތި ލަސްވުމެއްނެތި ރައްޔިތުންނަށް ހައްގުވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަށަވަރުކުރުން ކަމަށް ޕެޓިޝަންގައިވެއެވެ.
ޕެޓިޝަންގައިވާ ގޮތުން މި އިސްލާހު ފާސްކުރިޔަސް، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ބިންތައް ބޭނުން ކުރުމަށް ކައުންސިލަށް ލިބޭ ގާނޫނީ ބާރަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ އިހްތިސާސްގައިވާ ބިންތައް ކައުންސިލުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށް ޕެޓިޝަންގައިވެއެވެ.
“ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫނެވެ. ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ، ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެކެވެ. މި އިސްލާޙުގެ މައިގަނޑު ގާނޫނީ ރޫޙަކީ އަދި މަގްސަދަކީވެސް، އެއްވެސް ހުރަހެއްނެތި، ލަސްވުމެއްނެތި، ރައްޔިތުންނަށް ހައްގުވާ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ.” ޕެޓިޝަންގައި ބުނެފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު