ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި 4 މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. ރޭ ފަތިހު 04:30 ގައި ހިނގި މި ހާދިސާގައި، ހައިވޭގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ނަމަވެސް ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ވަނީ އެ ސައިކަލު ހުއްޓުވައި، ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން، ފުލުހުގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާއާއި އެ ސައިކަލުގެ ފަހަތުގައި އިން މީހާ ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި މައްސަލައިގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް ހޯދައި، އެ ދެ މީހުން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަހުން ހައްޔަރުކުރި ދެ މީހުންގެ ކޯޓު އަމުރުތަކުގައިވާ ގޮތުން، އެ ދެ މީހުން ވަނީ މި ހާދިސާއާ ގުޅިގެން އަނިޔާވި މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ އެ ތަނަށް ގޮސް އަޑުގަދަކޮށްފައެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ވެސް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓުން އެ މީހުން ކުރު މުއްދަތަކަށް ބަންދުކުރީ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީއެވެ.
ފުލުހުންގެ ކޮމިޝަނަރުގެ ބަޔާނުގައި ވިދާޅުވީ، އަނިޔާވި ފުލުހުގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމުގެ ބޭނުމަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ އަނިޔާވި ފުލުސް އޮފިސަރަށް ޒިޔާރަތްކުރައްވައި، އޭނާގެ ހާލު ބައްލަވައިލައްވާފައެވެ. އަދި އޭނާގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.











ކިޔުންތެރިންގެ ހިޔާލު