ޔަމަންގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ސަރުކާރުގެ ރިޔާސީ ގަނޑުވަރަށް ހޫޘީން ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ.
ހޫޘީންގެ ހަމަލާ އަމާޒުކުރީ، ޔަމަނު ސަރުކާރުގެ ވަގުތީ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަންގެ މެދުތެރޭގައި ހުންނަ އަލް މައާޝިގް ޕްރެޒިޑެންޝަލް ޕެލަސްއަށެވެ. އެތަނަށް 4 ބެލިސްޓިކް މިސައިލުން ހަމަލާދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ، ޔަމަނުގައި އޮންނަ ސަރުކާރު ހިންގާ ކައުންސިލްގެ މަސައްކަތްތަކާއި، ސަރުކާރުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުވެސް މެއެވެ.

ހޫޘީން ހަމަލާ ދިން ވަގުތު އެތަނުގައި ސަރުކާރުގެ ބޮޑުވަޒީރު ޝާޔާ ޒިންދާނީއާއި އޭނާގެ ކެބިނެޓު ވަޒީރުންވެސް ތިއްބެވިއެވެ. ނަމަވެސް ބޮޑުވަޒީރާއި ކެބިނެޓް އެއްވެސް ވަޒީރަކަށް ގެއްލުމެއް ލިބިވަޑައި ނުގެން ސަލާމަތްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެކަމަކު، ހޫޘީންގެ ހަމަލާތަކުގައި ބައެއް މީހުން މަރުވި ކަމަށް ޚަބަރު ފެތުރެމުން އެބަދެއެވެ. މަރުވީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އަދަންގެ މެދުތެރޭގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހަމަލާ ދިނުމަށް ބެލިސްޓިކް މިސައިލްގެ އިތުރުން، ޑްރޯންވެސް ބޭނުންކުރި ކަމަށް ވެއެވެ.
އަލް މައާޝިގް ޕްރެޒިޑެންޝަލް ޕެލަސްއަށް ވަރުގަދަ ހަމަލާތަކެއް ދިންތާ މާ ގިނައިރެއް ނުވަނީސް، އަދަންގެ އަލް ބުރެއިކާ ޑިސްޓްރިކްޓްގެ ތަނަކަށްވެސް ހޫޘީންވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާ އަމާޒުކުރީ ކޮން ތާކަށްކަމެއް އަދި ސާފެއް ނުވެއެވެ.
މި ހަމަލާތަކަކީ ޔަމަނު ސަރުކާރާ ދެކޮޅަށް ހޫތީންގެ ފުޅާ އަސްކަރީ ކެމްޕޭނެއް ފެށުމުގެ އިޝާރާތެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޔަމަންގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް ހޫޘީން ފުރަތަމަ ފަހަރަށް ހަމަލާ ދީފައި ވާއިރު، ހޫޘީން މިހާރު މިސްރާބު ޖަހާފައި ހުރީ ވެރިރަށާ ދިމާއަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.











ކިޔުންތެރިންގެ ހިޔާލު