ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ އެއަރޕޯޓަށް ހޫޘީން ދިން ހަމަލާތަކަށް ސީރިއަސް ރައްދުތަކެއް ދޭނޭ ކަމަށް ސައުދީ އަރަބިއްޔާއިން ވައުދުވެއްޖެއެވެ.
ސައުދީ ސަރުކާރުގެ އެނަރޖީ މިނިސްޓަރ ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ، ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ހަމަލާތަކުގެ ބަދަލު ހިފާނޭ ކަމަށާއި، ހޫޘީންނަށް ސީރިއަސް ރައްދެއް ލިބޭނޭ ކަމަށެވެ.
އެއަރޕޯޓަށް ދިން ހަމަލާތަކަކީ ސީރިއަސް ހަމަލާތަކެއް ކަމަށާއި، ސައުދީން ދޭ ރައްދުވެސް އެހާމެ ސީރިއަސް ވާނެ ކަމަށް، ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވިއެވެ.

ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޫޘީން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާފައި ވެއެވެ. ޒަޚަމްވި މީހުންގެ އަދަދު ތިންސަތޭކައިން މައްޗަށް އަރާފައި ވެއެވެ.
ހޫޘީންގެ ހަމަލާތައް އެއަރޕޯޓުގެ ޓާމިނަލް 3 އިމާރާތަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައް ސައުދީ ސަރުކާރުން އާންމުކޮށްފައި ވެއެވެ.
އެއަރޕޯޓުގެ ޓާމިނަލް 3 އަށް އިހަށްދުވަހު ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ޓާމިނަލް 4 އަށް ރޭގައިވެސް ހަމަލާ ދީފައި ވެއެވެ. މި ހަމަލާގައި އެކަކު މަރުވެ 11 މީހުން ޒަޚަމްވިއެވެ. މިއީ، ހޫޘީންގެ ހަމަލާތައް އެ އެއަރޕޯޓަށް އަމާޒުވި ތިންވަނަ ފަހަރެވެ.
ހޫޘީންގެ ހަމަލާތަކާ ގުޅިގެން އެއަރޕޯޓު ބަންދުކޮށްފައި އޮތް މުއްދަތު މިހާރުވަނީ އިތުރުކޮށްފައެވެ.
ސައުދީ ސަރުކާރުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއަރޕޯޓް ބަންދުކޮށްފައި އޮތް މުއްދަތު އިތުރުކުރީ، އެއަރޕޯޓުގެ ފެސިލިޓީތަކުގެ ސަލާމަތާއި އެތަންތަނުގެ އޮޕަރޭޝަނަލް ތައްޔާރީތައް ޔަގީންކުރުމަށް ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް ކަމަށެވެ.
ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ސައުދީ އަރަބިއްޔާގެ އެހެން ރަށްތަކުގެ 3 އެއަރޕޯޓަކަށްވެސް ހޫޘީން މިސައިލް ހަމަލާތައް ދީފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށަށް މިހާރުވެސް މިސައިލް ހަމަލާތައް އަމާޒުވަމުންދާ ކަމަށް ސައުދީ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވެއެވެ. ނަމަވެސް، ހަމަލާތައް އަމާޒުވަމުންދަނީ ސީދާ ކޮން ތަންތާކަށް ކަމެއް ނުބުނެއެވެ.











ކިޔުންތެރިންގެ ހިޔާލު