ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ “ވޯލްޑް ޓްރެވަލް އެވޯޑްސް 2026″ ގެ ދެ ކެޓަގަރީއަކުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މައި ދޮރާށި ނޮމިނޭޓްވެފައިވަނީ “ވޯލްޑްސް ލީޑިން އެއާޕޯޓް 2026″ އަދި “ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026″ ދެ ކެޓަގަރީންނެވެ. މި ދެ ކެޓަގަރީން ވާދަކުރުމުގެ ފުރުސަތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި “އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026″ ގެ އެވޯޑު ލިބުމާ ގުޅިގެންނެވެ.
“ވޯލްޑްސް ލީޑިން އެއާޕޯޓް 2026″ ކެޓަގަރީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވާދަކުރަންޖެހެނީ ބައިނަލްއަގުވާމީ މައިދާން ގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި އަދި މަޝްހޫރު އެއާޕޯޓުތަކާއެކުގައެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓާއި، އިސްތަންބޫލްގެ އައިޖީއޭ އެއާޕޯޓު، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އަދި ޒިއުރިކް އެއާޕޯޓު ހިމެނެއެވެ.

މީގެ އިތުރުން، “ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026″ ކެޓަގަރީގައި ދުނިޔޭގެ ފާހަގަކޮށްލެވޭ 12 އެއާޕޯޓަކާ ދެކޮޅަށް ރާއްޖޭގެ މައި އެއާޕޯޓު ވާދަކުރާނެއެވެ. މި ކެޓަގަރީގައި ވާދަކުރާ އެއާޕޯޓުތަކުގެ ތެރޭގައި ސިންގަޕޫރުގެ ޗެންގީ، ދުބާއީ އިންޓަނޭޝަނަލް، އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސިޑްނީ އަދި އޯކްލޭންޑް އެއާޕޯޓު ހިމެނެއެވެ.
އެމްއޭސީއެލުން ވަނީ މި ދެ ކެޓަގަރީންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި ދިވެހި ރައްޔިތުންނާއި، ދަތުރުވެރިން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ވޯޓު ދިނުމަށް އެދިފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މިއަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ސަމިޓް ގައެވެ.











ކިޔުންތެރިންގެ ހިޔާލު