ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރަށް ތިބި މިންވަރު ވަޒަންކުރުމަށް ބޭއްވި ތަމްރީނު ހަރަކާތެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާ ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ހިންގި މި ތަމްރީނުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވި ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. ފުލުހުންގެ މުއައްސަސާ އާއި އެއާލައިންތަކާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ބޭރު އެމްބަސީތަކުގެ ބޭފުޅުން ވެސް މި ހަރަކާތް މޮނިޓަރުކުރެއްވި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މި ތަމްރީނުގެ ބޭނުމަކީ އެއާޕޯޓުގައި ޢަމަލުކުރާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި ސެކިއުރިޓީ އެސްއޯޕީތައް ކިހާ ހަރުދަނާ ތޯ ބެލުމެވެ. އޭގެ އިތުރުން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވޭ މިންވަރު ޔަގީންކުރުމަކީ ވެސް މި ހަރަކާތުގެ އަމާޒެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ތަމްރީނު ނިމުމާ އެކު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި "ހޮޓްވޮޝް" ބައްދަލުވުމެއް ބާއްވައި، ކާމިޔާބީ އާއި އިސްލާހުކުރަންޖެހޭ ދާއިރާތައް ދެނެގަނެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. ދަތުރުވެރިންނާއި މުވައްޒަފުންނާއި ވީއައިއޭ އާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ވައިގެ ބަނދަރުގެ ސަލާމަތީ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ދެމި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.