ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މުޅި މަޝްރޫޢުގެ 68.8 އިންސައްތަ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. ފަޅުގެ ބައެއް ސަރަޙައްދުތައް ނިސްބަތުން ފުންވުމުގެ ސަބަބުން މަސައްކަތަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ޖުމުލަކޮށް މުޅި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލާ ހަވާލުކޮށްފައިވަނީ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ކުރީގެ ސަރުކާރު ނިމުނުއިރު އެ ފަޅުން ހިއްކިފައިވަނީ 70 ހެކްޓަރެވެ. އެމްއޭސީއެލުން މި މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްއޭސީއެލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ.

ގިރާވަރުފަޅަކީ ކުރީ ސަރުކާރުގެ ދައުރުގައި ގޯތި ދިނުމަށް އިޢުލާންކުރި ތަނެކެވެ. އެހެންނަމަވެސް އޭރު ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ، ގޯތިތައް ކަނޑައަޅާފައިވަނީ ކަނޑުގައި އިންވަކިކޮށް، ފުރިހަމަ ލޭންޑް ޔޫސް ޕްލޭނަކާ ނުލައެވެ. މިކަމުގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނެވެ. އިތުރުކުރެވުނު 113 ހެކްޓަރާއެކު މި މަޝްރޫޢު އަލުން ފަށައިގެން މިހާރު ކުރިއަށް ގެންދަނީ މި ސަރުކާރުންނެވެ.

Reclamation works at Giraavaru Falhu continue to make steady progress, with 115 hectares reclaimed out of the planned 167.15 hectares, marking 68.8% completion.

The Queen of the Netherlands dredger continues to play a key role in advancing this major land reclamation project.

ކުރީ ސަރުކާރުން ވަނީ ގިރާވަރުފަޅުން 5،000 އަށްވުރެ ގިނަ ފަރާތަކަށް ގޯތި ލިބޭނެކަން ކަނޑައަޅައި ލިސްޓު އާންމުކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް އޭރު އަމަލީ ގޮތުން ގޯތި ހަވާލުކުރެވިފައެއް ނުވެއެވެ. މީގެއިތުރުން އެންމެންނަށް ފުދޭވަރަށް ބިން ނެތުމުގެ ސަބަބުން، އޭގެ ތެރެއިން ވަކި އަދަދެއްގެ ގޯތި ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އަލަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ 4،072 ގޯއްޗެވެ. ސަރުކާރުގެ އަމާޒަކީ މި ހިނގާ ދައުރުގެ ތެރޭގައި އެ ގޯތިތައް ހައްގުވެރިންނާ ހަވާލުކޮށް ނިންމުމެވެ.