ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސް-ސެވަން އެއާލައިންއިން ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރާ އެއާލައިންގެ ފުރަތަމަ ދަތުރު ހުކުރު ދުވަހު ވަނީ ބާއްވާފައެވެ.

މިއީ ރަޝިޔާގެ ވެރިރަށް މޮސްކޯ ފިޔަވައި އެ ޤައުމުގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފެށި ފުރަތަމަ އެއާލައިނެވެ. 10 ގަޑިއިރުގެ މި ދަތުރުތައް ފެށުން ފާހަގަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ ފުރަތަމަ ދަތުރުގައި ފަސިންޖަރުންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މަޢުލޫމާތު ދެއްވި ގޮތުގައި އެސް-ސެވަން އެއާލައިންގެ ދަތުރުތައް ހަފުތާއަކު 2 ދުވަހު ބާއްވާނެއެވެ. އެއީ ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކެވެ. މި އުދުހުންތަކަކީ ފިނި މޫސުމާ ދިމާކޮށް ފެށި ދަތުރުތަކެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ދަތުރުތަކަށް މަގުފަހިވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު 7 އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއަކީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަހަރުގެ މިހާތަނަށް އެ ޤައުމުން ރާއްޖެއަށް 229,200 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ.