ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން މަހަކު 60,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގަން ނިންމައި އެކަމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް، ފެމެލީ އެންޑް ވެލްފެއާ އިން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، މި ނިންމުމަށް 1 ޖެނުއަރީ 2027 އިން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.
އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ.
މި ބަދަލާއެކު ވެސް، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެއެވެ.
އާމްދަނީ ބޮޑު ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަންނުވެރިން ޤައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް މި އުސޫލުން ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ހިމެނެއެވެ.
މިއީ އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ދައުލަތުގެ ބަޖެޓުން އިސްރާފު ކުޑަކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި މުހިންމު އިސްލާހީ ފިޔަވަޅެކެވެ.
މި ނިންމެވުމާ ގުޅޭގޮތުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސިޔާސަތަށް ގެންނަ އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.