ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މެންބަރުން އައްޔަންކުރުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެލްޖީއޭގެ އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2 މެންބަރުންނަށް މަރުޙަބާ ވިދާޅުވެ، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ސޯޝަލް މީޑިއާ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އިންތިޚާބީ) ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.
Dr Mohamed Muizzu@MMuizzuކައުންސިލަރުންނާައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް …
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުޞަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.
އެލްޖީއޭ ބޯޑުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 807 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން 706 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.