ރަސްމާލެ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ލިބޭނެކަން ޕަބްލިކް ސާވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
މި ނިންމެވުމަކީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކެޓަގަރީއަކަށް އަމާޒުކޮށްގެން ނިންމެވި ނިންމެވުމެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭނެ ވަރަށް ރަސްމާލޭގައި ޖާގަ އެބައޮތެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ނިންމެވުން ނިންމެވީ ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދުތައް ސީދާ އެމަނިކުފާނު ޗެކްކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން ޝަރުތު ހަމަވާ އެއްވެސް މީހަކު ބޯހިޔާވަހިކަމުން މަޙްރޫމް ނުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"މާލެ ރައްޔިތުންގެ ކެޓަގަރީން ވެސް، ދަފްތަރުގެ ކެޓަގަރީން ވެސް، ފަނަރަ އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ރައްޔިތުންގެ ކެޓަގަރީން ވެސް. މިހެން ގޮސް އަޅުގަނޑުމެން އިޢުލާނުކުރީ ގޯތި ބޭނުންވާ ގޯތިދޭ ކެޓަގަރީތައް. އެ ހުރިހާ ކެޓަގަރީއަކުން ކުރިމަތިލާ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ. ކާކުތޯ ބާކީވީ؟" މުއިއްޒު ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީކުރެވިގެންދާނީ ފެހިކަން ގަދަ އަދި ވަރަށް ހިތްގައިމު މާޙައުލެއް ލިބިގެންދާ ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެ ސިޓީއަކީ ތިމާވެއްޓާ ރައްޓެހި "ޒީރޯ ކާބަން" ސިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ.
އެ ސިޓީގައި ދުއްވާ އުޅަނދުފަހަރުގައި ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ފިއުލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމެވި ކަމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.