އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ވާހަކަފުޅު ދައްކަވާފައިވަނީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކާއި ރަސްމާލެ މަޝްރޫޢުގެ އިގްތިސާދީ މުހިންމުކަމާ ގުޅޭގޮތުން ހިއްސާކުރެއްވި މައުލޫމާތުތަކުގެ ތެރެއިންނެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެ ހިއްކިއިރު، ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިފައި ނެތުމުން އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އިންވެސްޓްމަންޓުތައް ނާންނަ ކަމަށެވެ. އެފަދަ އިންވެސްޓްމަންޓުތައް އައީ މީހުން ދިރިއުޅެން ފަށައި، ބްރިޖު މަޝްރޫޢާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންފުޅުވަނީ އެތަނުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ދިރިއުޅެވޭނެފަދަ ތަރައްގީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް ސިޔާސީ ބޭނުމުގައި ކަންކަން އޮޅުވާލުމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށެވެ. އެގޮތުން، 99 އަހަރަށް އެ ޕްރޮޕަޓީތައް ދޫކުރުމަށްފަހު އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހެނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތެއްގައިވެސް ފައިދާވާނީ ސަރުކާރަށް ކަމަށެވެ. އެ މުއާމަލާތްތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީތައް ގަންނަ ފަރާތަކުން ގަނެވެނީ 99 އަހަރުގެ މުއްދަތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން ކަމަށާއި، ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފުލް ކޮންޓްރޯލް އޮންނަނީ ދިވެހި ސަރުކާރަށް ކަމަށާއި، މިއީ އޮޓޯއިން އެއްބަސްވުން ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބޭ ކަހަލަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.