ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއުގެ ބިން ހިއްކުމުގެ 70 ޕަސެންޓް މަސައްކަތް މިހާރު މުޅިން ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މި ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް އަމާޒުހިފައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ތެރެއިން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. އަދި މިއާއެކު މުޅި މަޝްރޫއުގެ ބިން ހިއްކުމުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަޝްރޫއު ފެށުނު ދުވަސްވަރު މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، ފަހުން ބިން ހިއްކުމުގެ ދުވެލި ބާރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް މި މަސައްކަތަށް ގެނެސްގެންނެވެ. އެގޮތުން އެމްއޭސީއެލް އަދި އެމްޓީސީސީގެ އިތުރުން ބޭރުގެ ބޮޑެތި ތަޖުރިބާކާރު ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތް މިހާރުވެސް ދަނީ ހަލުވިކަމާއެކު ހިނގަމުންނެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ހައްސާސް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަތިވެރި މަގުސޫދުގައި ފެށި މި މަޝްރޫއުގެ ދަށުން، ޖުމްލަ 65،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ މިންގަނޑުތަކަށް ފެތޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ރަށުގެ ބާކީ އޮތް ބައި ހިއްކައި ނިންމުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދަނީ ބާރު ދުވެއްޔެއްގައެވެ. ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަކަށް މި މަޝްރޫއު އެއްކޮށް ނިންމައި ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ހޯދައިދިނުމެވެ.