އިދިކޮޅު ފަރާތްތައް ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، މި ސަރުކާރުން ރައްޔިތުންނާއެކު ޙަޤީޤީ ދުނިޔޭގައި ކުރިއަށްދާނީ ހުސް ވާހަކައިގެ ބަދަލުގައި ޢަމަލީ ނަތީޖާ ދައްކައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ފާއިތުވި މުއްދަތުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޤައުމުގެ ކުރިމަގަށްޓަކައި ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ "ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" އަކީ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު މަތީ ތަޢުލީމަށް ނުގޮސް، އަދި ވަޒީފާއެއްވެސް ނެތި ތިބި ޒުވާނުންގެ ޢަދަދު އިތުރުވަމުންދިއުން ކަމަށް ވިދާޅުވިއެވެ.
އަދި މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ ގޮތެއްގައި އަޅައިނުލައި ދޫކޮށްލާފައިވާ ބޮޑު މައްސަލައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދެއްވައި، ޤައުމަށް ވަފާދާރު އަދި މަސައްކަތްތެރި، ހީވާގި ޒުވާން ޖީލެއް ބިނާކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ހިންގަމުންދާ "ނޭޝަނަލް ސާވިސް" ފަދަ ޕްރޮގްރާމުތަކުގެ ނަމޫނާއަށް ބަލައިގެން، ރާއްޖޭގައި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފަށްޓަވާނެކަން އެމަނިކުފާނު ފުރަތަމަ އިޢުލާނުކުރެއްވީ 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ކާމިޔާބީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމުގެ އިނިޝަލް ތަމްރީނުތައް މިހާތަނަށް ތިން ބެޗެއްގެ ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗުން 283 ފިރިހެން ކުދިންނާއި 61 އަންހެން ކުދިންނާއެކު ޖުމްލަ 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ.
އަދި ދެވަނަ ބެޗުން 280 ފިރިހެން ދަރިވަރުންނާއި 63 އަންހެން ދަރިވަރުން ހިމެނޭހެން 343 ދަރިވަރުން ދަސްވެނިވިއިރު، ތިންވަނަ ބެޗުން 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނާއެކު 341 ދަރިވަރުން ވަނީ މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.މީގެއިތުރުން، އިނިޝަލް ތަމްރީނުތަކަށްފަހު ކުރިއަށްގެންދިޔަ ޚާއްޞަ ފަންނީ ތަމްރީނުތައްވެސް މިހާތަނަށް ދެ ބެޗެއްގެ ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ބެޗުން ދަސްވެނިވި 48 ފިރިހެން ދަރިވަރުންނާއި 15 އަންހެން ދަރިވަރުންގެ އިތުރުން، ދެވަނަ ބެޗުން ދަސްވެނިވި 60 ފިރިހެން ދަރިވަރުންނާއި 13 އަންހެން ދަރިވަރުން ހިމެނެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މުޅި ޖުމްލަ 950 ފިރިހެން ދަރިވަރުންނާއި 214 އަންހެން ދަރިވަރުން ހިމެނޭހެން 1،164 ޒުވާނުން ވަނީ ވަތަނީ ޚިދުމަތުގެ އެކި ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނާއެކު އަސާސީ ތަމްރީނުގެ ހަތަރުވަނަ ބެޗުގެ ކިޔެވުންވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ހަގީގީ ހައްލުތައް ހޯދައިދީ، ޤައުމުގެ ތަރައްޤީއަށްޓަކައި ނަތީޖާ ނެރެދިނުން ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.