މި ވެރިކަން ދެމިއޮތްހައި ހިނދަކު، އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި ސަރުކާރުގެ ހާރިޖީ އޮނިގަނޑު ބިނާވެފައިވަނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ މައްޗަށް ކަމަށެވެ. މިއީ ދިވެހި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އެންމެ ކުރިއަށް ނެރުމުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން އަވަށްޓެރި ގައުމުތަކާ އެކު އޮންނަ އެކުވެރިކަން ދަމަހައްޓައި، އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ވިދާޅުވި ގޮތުގައި ގައުމަށް ލާބަޔާއި މަންފާ ލިބޭނެ ކަންކަމުގައި ދުނިޔޭގެ ހުރިހާ ފަރާތްތަކާ އެކު ވެސް ގާތުން މަސައްކަތް ކުރައްވާނެއެވެ. އެހެން ނަމަވެސް، އެ މަސައްކަތްތައް ކުރިއަށްދާނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ "ފަލަ ރަތް ރޮނގު" ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި، އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ހާރިޖީ ސިޔާސަތު އެކަށައަޅާފައި ވަނީ ވެސް މި އުސޫލު ކަށަވަރުވާނޭހެން ކަމަށް ބަޔާންކުރެއްވިއެވެ.

"ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ، އިސްރާއީލު ފިޔަވައި އެހެން ހުރިހާ ފަރާތްތަކާ ގުޅުން ގާއިމުކުރުން. އަޅުގަނޑުމެންގެ މި ވެރިކަމުގައި، އަދި އަޅުގަނޑުގެ ސިޔާސަތު ހިނގާހައި ހިނދަކު، އަދި ކުރިއަށް އޮތް ތަނުގައި ގާނޫނުތަކަށް ގެނެވޭ އިސްލާހުތަކާ އެކު ވެސް، އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެއިން ފުރުސަތެއް ނުލިބޭނެ. އަދި އެ ގައުމާ އެކު ރާއްޖެއިން އެއްވެސް ގުޅުމެއް ނުބާއްވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިސްރާއީލު އެކަހެރިކޮށް، ދެން ތިބި ހުރިހާ ފަރާތްތަކާ އެކު ވެސް ރާއްޖެއަށް ކުރިއެރުމާއި ފައިދާ ހޯދުމުގެ މަގުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ޝައްކުތައް އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދަނީ އެ ސަރަހައްދުގައި ޔަހޫދީން ނުވަތަ އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވައި، އެތަނުން ބިން ނުވަތަ އިމާރާތްތައް އެމީހުންނަށް ވިއްކައިފާނެ ކަމަށް ބުނެއެވެ.

ނަމަވެސް އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި މީގެ ކުރިން ވެސް ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ. އެގޮތުން އެ މަޝްރޫއުގެ ތެރެއިން ބިނާކުރާ އެއްވެސް ތަނެއް އިސްރާއީލު މީހަކަށް ނުގަނެވޭނެ ކަމަށާއި، އެތަނުގައި އެފަދަ ބަޔަކަށް ވަޒަންވެރިވުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.