އަވަށްޓެރި ގައުމުތަކަށް ނުރައްކާކޮށް ގެއްލުންދީގެން އިސްރާއީލަށް ލިބޭނޭ އެއްވެސް ރައްކާތެރިކަމެއް ނޯންނާނޭ ކަމަށް ތުރުކީން ބުނެފިއެވެ.
ތުރުކީއަށް މިހާރު ވަޑައިގެންއުޅުއްވާ ސޫރިޔާގެ ޚާރިޖީ ވަޒީރު އަސާދް ހަސަން އަލް ޝައިބާނީއާ އަންކާރާގައި ބައްދަލު ކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވީ، އަވަށްޓެރިން ގައުމުތަކަށް ގެއްލުންދީގެން ރައްކާތެރިކަމެއް ނުލިބޭނޭކަން އިސްރާއީލަށް މިހާރު އެނގެންޖެހޭނޭ ކަމަށެވެ.
ހަކަން ފިދާންވަނީ، އަވަށްޓެރި ގައުމުތަކާމެދު އިސްރާއީލުން ގެންގުޅޭ އުދުވާނީ ސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލައްވާފައެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސޫރިޔާގެ ޚާރިޖީ ވަޒީރު ޝައިބާނީ ވިދާޅުވީ، މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރުމުގައި ސޫރިޔާއަކީވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ތުރުކީއަކީ ކޮންމެހެން ބޭނުންތެރި ބައިވެރިއެއް ކަމަށްވެސް ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އިސްތިއުމާރީ ދައުލަތުން ވަނީ 1967 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ގޯލާންގެ އުސް ބިންތަކުގެ ތިންބައިކުޅަ ދެބައި ހިފައި އެ ބިމަށް ވެރިވެގެންފައެވެ.
އަދި ސޫރިޔާގެ ރައީސްކަމުގައި ހުރި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު މުޅި ސޫރިޔާއާ ދެކޮޅަށް އަސްކަރީ ވަރުގަދަ އުދުވާނުތަކެއް ހިންގުމަށްފަހު ސޫރިޔާގެ ދެކުނުގެ އިތުރު އެތައް ބިންތަކެއް ހިފައި، ސިފައިންގެ މަރުކަޒުތައް ހަދައި ވެރިވެގެންފައި ވެއެވެ. މިހާރުވެސް ގެންދަނީ އިތުރު ބިންތައް ހިފަމުންނެވެ.
ސޫރިޔާގެ އިތުރުން، ލުބުނާނުގެ ދެކުނަށްވެސް އަރައިގަނެ މުޅި ދެކުނު އިސްތިއުމާރު ކުރަމުން އެބަ ގެންދެއެވެ.
ފަލަސްތީނު މީހުންގެ ނަމެއްގައި އެމީހުންގެ ބިންތަކުގައި ދިރިއުޅުނު ނަމަވެސް، ފަލަސްތީނުގެ ހުރިހާ ބިމަކަށް އިސްތިއުމާރީ ދައުލަތުންވަނީ ވެރިވެގެންފައެވެ.

އިޝްތިހާރު އިޝްތިހާރު