ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން، 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މަޢުލޫމާތު، އެކަމަނާ ،ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްސާކުރެއްވިއެވެ. އަދި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހިތްވަރުދެއްވިއެވެ. އަދި މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރެއްވުން
މީގެއިތުރުން، ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ހަމަ މިޔާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް، ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.