ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުސްތަގުބަލުގެ ބިރެއް ނޫން ކަމަށާއި، އެއީ މިހާރުވެސް ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ތަރައްގީގެ މައިގަނޑު ހުރަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.
ކޮޕް31 ގެ ހަވާސާގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ދިވެހިންގެ ރަށްތަކަކީ ހަމައެކަނި ބިމުގެ ބައިތަކެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި، ސަގާފަތާއި، ތާރީހުގެ އިތުރުން ގައުމީ ވަންތަކަމާ ގުޅިފައިވާ ތަންތަނެވެ. އެހެންކަމުން، ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންގެ އަމިއްލަ ވަޒަނުގައި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެ މަގްސަދު ހާސިލުކުރުމަށްޓަކައި، ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި، ކުޅިފާލަންތަކާއި، ފަޅުތަކުގެ އިތުރުން ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ މައުލޫމާތު މުޖުތަމައުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމީ ފެންވަރުގައި މޫސުމީ ނުރައްކާތަކަށް ތައްޔާރުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ވިލުންވެރިކަން ވަރުގަދަކުރުން ކަމަށް ބަޔާންކުރައްވަމުން، ހުޅުމާލެއަކީ އެފަދަ ވިސްނުމެއްގެ ދަށުން ބިނާކުރެވިފައިވާ މުހިންމު އިސްތިރާތީޖީ ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަލަށް ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެ ސިޓީ ބިނާކުރެވެނީ ކަނޑުގެ ލޮނުގަނޑު އުފުލިދާނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް ކަމަށެވެ. އަދި އެއީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދު، އިއާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޝަހަރެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ތަނެއް ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުތަކުން ދައްކުވައިދެނީ، މޫސުމީ ބަދަލުތަކަށް ހޭނުމަކީ ގައުމީ ތަރައްގީގެ އަސާސީ ބަހާއެއްގެ ގޮތުގައި ހިމަނަންޖެހޭ ކަމެވެ. އަދި އެއީ ކާރިސާއެއް ކުރިމަތިވުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށާއި، މިއީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައިގަނޑު އަސާސް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ތަރައްގީވެފައިވާ ދިވެހިރާއްޖެއަކަށް ވާސިލުވެވޭނީ ވިލުންވެރި ގައުމަކަށް ވެގެން ކަމަށް ވިދާޅުވެ، މޫސުމީ ނާޒުކު ހާލަތުގެ ސަބަބުން ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރު ގެއްލިގެންދިޔަ ދީގެންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުން ލިބޭ މާލީ އެހީތެރިކަން ފުޅާކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ލިބޭ ފައިސާއަކީ އެކަށީގެންވާ އަދި ބޭނުންތަކާ އެކަށޭނަ އެހީއަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް މި ދާއިރާއިން ދޭ އެހީތަކަކީ ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭންޖެހޭ ފައިސާ ކަމަށާއި، އެއީ ދެވޭ ސަދަގާތެއް ނޫން ކަމަށާއި، މޫސުމީ އަދުލުވެރިކަން ގާއިމުކުރުމުގެ ހައްގެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.