ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކަލުން އަރައިގަތުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ފުޅާ ދާއިރާއެއްގައި އިޞްލާޙީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށާއި، ޚާއްޞަކޮށް މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން ދޭ އެޖެންސީތަކުން މޫސުމީ މަޝްރޫޢުތައް އަގުމަގުކުރާ މިންގަނޑުތައް އަލުން މުރާޖަޢާކުރަން މަޖުބޫރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަޔާންކުރައްވައިފިއެވެ.

ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުނު 31 ވަނަ ކޮޕް ސަމިޓްގެ ބައިވެރިންނާ މުޚާޠަބުކުރައްވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ފަދަ ނުރައްކަލަށް ހުށަހެޅިފައިވާ ދަޢުލަތްތަކުން ތިމާވެށީގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އިތުރު ދަރަނީގެ މަޅިތަކުގައި ބެދެންޖެހޭ ޙާލަތު ބަދަލުކުރަންވެއްޖެ ކަމަށެވެ. އެމަނިކުފާނު ވަނީ މޫސުމާ ގުޅޭ މާލީ އެހީތެރިކަމަކީ ކަށަވަރުކަން ބޮޑު، ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދެވޭ ފައިސާއަކަށް ހެދުމަށާއި، ގްރީން ކްލައިމެޓް ފަންޑާއި ލޮސް އެންޑް ޑެމޭޖް ފަންޑު ފަދަ ނިޒާމުތަކުގެ ހިންގުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔެއިން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، މާލީ ނިޒާމު ހަރުދަނާކުރުމާއެކު، ވެފައިވާ ވަޢުދުތައް ޢަމަލީ ގޮތުން ފެންނަ ޙަޤީޤީ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް ރައީސް ބާރުއެޅުއްވިއެވެ. މިގޮތުން އެންމެން ގުޅިގެން ކުރިއަށްދިއުމަށްޓަކައި މައިގަނޑު ތިން ދާއިރާއެއް ރައީސް ފާހަގަކުރެއްވިއެވެ. އެއީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ނިޒާމީ އިޞްލާޙުތައް ގެނައުމާއި، އަދި ނިންމުންތައް ތަންފީޒުކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

މޫސުމީ މާލީ އެހީއާ ބެހޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް އެދިވަޑައިގަތީ، އެ އެހީއަކީ އިތުރުވަމުންދާ، ކަށަވަރުކަމާއެކު ލިބޭ، އަދި ހިލޭ އެހީގެ ސިފައިގައި ދެވޭ އެއްޗަކަށް ހެދުމަށެވެ. ހަމައެއާއެކު ގްރީން ކްލައިމެޓް ފަންޑަށް ދޭ މާލީ އެހީ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް ބޭނުންވާ މިންވަރަށް ފައިސާ ޖަމާކުރުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ކާރިސާތައް އުފެދުމުގައި ކުޑަ ދައުރެއް އޮތް ނާޒުކު ޤައުމުތަކުން އެ ކާރިސާތަކުން އަރައިގަތުމަށްޓަކައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެއެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ނާޒުކު ޙާލަތްތައް ރަނގަޅަށް ދެނެގަނެވޭނެ ގޮތަކަށް ބައިނަލްއަޤުވާމީ މާލީ ނިޒާމަށް ބަދަލުތައް ގެނައުމުގެ މުހިންމުކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމީ ވިލުންތެރިކަން ޤާއިމުކުރުމަށް ހޭދަކުރާ ފައިސާއަކީ މާލީ ބުރައެއްގެ ގޮތުގައި ނުދެކި، މުޅި ދުނިޔޭގެ މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ.

މޫސުމީ ފިޔަވަޅުތަކުގެ ދާއިރާއިން ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ގޮތުން ލިބެންހުރި މަދު ވަސީލަތްތައް ޙިކުމަތްތެރިކަމާއެކު ތަންފީޒުކޮށްގެން ކާބޯތަކެއްޗާއި ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ އެހީ ހޯދުމުގެ މަގުތައް ފަހިކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގްރީން ކްލައިމެޓް ފަންޑުން ދާދިފަހުން އެކްރެޑިޓްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އޭޝިއާ ސަރަޙައްދުގެ ކުޑަ ޖަޒީރާ ޤައުމަކަށް މިފަދަ ހުއްދައެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީން ހާމަވެގެންދަނީ މޫސުމީ މާލީ އެހީތެރިކަން ހޯދައި، އެ އެހީގެ ފައިދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރު ކަމުގައި ރައީސް ވިދާޅުވިއެވެ.