ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ޤައުމަށްޓަކައި ލެޔާއި ފުރާނައިން ޤުރުބާންވި އެތައް ބަޠަލުންނެއްގެ ޒިކުރާތައް ރަން އަކުރުން ވަނީ ފަވާލެވިފައެވެ. އޭގެ ތެރެއިން ވެސް ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެން ފާހަގަކުރާ "ހުރަވީ ދުވަސް" ޚާއްޞަވަނީ، މަލާބާރީން ނުވަތަ ހޮޅިންގެ އަޅުވެތިކަމުގެ ކަޅު އަނދިރިކަމުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވި މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) ގެ މަތިވެރި ޖިހާދަށެވެ. މި ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހު (18 އޭޕްރީލް 1980) ގައެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ޕޯޗުގީޒުންގެ އަޅުވެތިކަމުން މުޙައްމަދު ތަކުރުފާނު މި ޤައުމު މިނިވަންކުރެއްވިތާ 185 އަހަރު ފަހުން ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ، ޤައުމަށް ޣައްދާރުވި ދެ ދިވެހިންގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ހާދިސާއެވެ. އެއީ އޭރުގެ ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑުއެއްބަފާ އަޙްމަދު މުޙްޔިއްދީން ޚަޠީބު މަނިކުފާނު، ކަންނަންނޫރުގެ ޢަލީރާޖާއަށް ސިޓީ ފޮނުއްވައި، ރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން އެދިވަޑައިގަތުމުން ހިނގައިދިޔަ ކަންކަމެވެ.
މީގެ ނަތީޖާއެއްގެ ގޮތުން 13 ޞަފަރު 1166 (20 ޑިސެންބަރު 1752) ވިލޭރޭ މެންދަމު 3 ޖެހިއިރު، މާލޭގެ ކަނޑިންމަ ތަޅުނުލައި، އެންމެން ނިދާފައި ތިބި ވަގުތު މަލާބާރީން ވަދެގަތެވެ. އެމީހުން މާލޭގެ ދެބައިކުޅައެއްބައި އަނދާ އަޅިއަށް ހަދައި، އޭރުގެ ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) އާއި ވަލީއަޙުދު ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންދިޔައެވެ. ޤައުމަށް ޣައްދާރުވުމުގެ ހިތި ނަތީޖާ ދައްކުވައިދެނީ، އެ މަލާބާރީންނަށް އެހީވި ދެބޭފުޅުން ވެސް ކަނޑުފައްތައި މަރާލުމުންނެވެ. އެމީހުން ބުނި ކަމަށްވަނީ އުފަން ޤައުމަށް ޣައްދާރުވި ބަޔަކު އެހެން ބަޔަކަށް ވަފާތެރި ނުވާނެ ކަމަށެވެ.
މި ނާމާން ދަނޑިވަޅުގައި، މަލާބާރީންގެ އަނިޔާވެރިކަމުގައި ތިން މަހާއި ވިހި ދުވަސް ވީތަނާ، ދިވެހިންގެ ޙައްޤުގައި ތެދުވެވަޑައިގަތީ މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. އެމަނިކުފާނުގެ ހަތަރު އެކުވެރިންނާއި، އިޚްލާޞްތެރި 200 އެއްހައި ހިތްވަރުގަދަ ދިވެހީންނާ އެކު، ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ ވަނީ ރޭވުންތެރިކަމާއެކު ހަނގުރާމަކުރައްވައި ހޮޅިން ބަލިކުރައްވައިފައެވެ. މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރަށް ވަދެ ހިންގެވި މި ޖިހާދަކީ ޙިކްމަތްތެރިކަމާއި ކެރުމުގެ އިންތިހާއެވެ. ހަމައެކަނި އެ ރެޔަކުން ނިމުނީއަކީ ނޫނެވެ.
އޭގެ ފަހުންވެސް ކަންނަންނޫރުން އެކި އަހަރުތަކުގައި (1753މ، 1755މ، 1761މ) ފޮނުވި ހަނގުރާމަވެރި ލަޝްކަރުތަކާ ކުރިމަތިލައްވައި، ދޮންބަންޑާރައިން ވަނީ ކޮންމެ ފަހަރަކުވެސް ދުޝްމިނުން ބަލިކުރައްވައި ޤައުމު ހިމާޔަތްކުރައްވާފައެވެ.
ހުރަވީ ދުވަސް ނިޞްބަތްވަނީ މާލެއަތޮޅު ހުރައަށް ނިޞްބަތްވާ ހުރަވީ ޚާންދާނުގެ މި އަގުހުރި ދަރިޔަށެވެ. ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުގައި، ހިޖުރައިން 1173 އިން 1180 އަށް (1759 އިން 1767 އަށް) 7 އަހަރު ދުވަހު އެމަނިކުފާނު ރަސްކަން ކުރެއްވިއެވެ. ދޮންބަންޑާރައިންގެ ޝަޚްސިއްޔަތުން މިއަދުގެ ދިވެހިންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ އެމަނިކުފާނުގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމެވެ.
ހޮޅީންގެ އަތްދަށުން ޤައުމު މިނިވަންކުރެއްވުމުން، ދިވެހި ރައްޔިތުން އެމަނިކުފާނަށް ރަސްކަން ޙައްޤުވެއްޖެ ކަމަށް ނިންމައި ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް އެދުމުންވެސް، އޭރު ހުންނެވި ރަދުންގެ ޙައްޤަށް އިޙްތިރާމްކުރައްވައި، އެމަނިކުފާނު ފުރަތަމަ ޤަބޫލުފުޅުކުރެއްވީ ޤައުމު ހިންގެވުމުގެ ވަގުތީ ޒިންމާއެވެ. މިއިން ހާމަކޮށްދެނީ އެމަނިކުފާނު ޖިހާދުކުރެއްވީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫންކަމާއި، ހަމައެކަނި ޤައުމާއި ދީނުގެ ޙައްޤުގައި ކަމެވެ.
އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180 (1 ފެބްރުވަރީ 1767) ގައެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅުންނާއި ހުރަވީ ދުވަހުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އަމިއްލަ އެދުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ މުހިންމުކަމެވެ. އަދި އެތެރޭގެ ޚިޔާނާތްތެރިކަމަކީ މުޅި ޤައުމުގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ އަނދަވަޅަކަށް ވެއްޓިދާނެ ކަމެއްކަމެވެ. ހުރަވީ ދުވަސް ފާހަގަކުރުމުގެ ޙަޤީޤީ ބޭނުމަކީ ވެސް، ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީ ގޮތުން ދިރުވައި، އެބޭފުޅުން ގެނެސްދެއްވި މިނިވަންކަން ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ކޮންމެ ދިވެއްސެއްގެ ހިތުގައި ވަރުގަދަކުރުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.