ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމު، "އާސަންދަ" އަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ހަމަހަމަކަމާއެކު ޞިއްޙީ ފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައި ތަޢާރަފުކުރެވުނު ނިޒާމެކެވެ. ނަމަވެސް، ޒަމާނުއްސުރެ މި ނިޒާމު ބައްޓަންވެފައި އޮތީ އެންމެ ފަޤީރު ނިކަމެތި މީހާއާއި އެންމެ ތަނަވަސް މީހާއާ ދެމެދު އެއްވެސް ތަފާތެއް ނެތި، ދައުލަތުގެ ބަޖެޓުން "ފުލް ކަވަރޭޖް" ނުވަތަ މުޅިން ހިލޭ ޚިދުމަތް ލިބޭ ގޮތަށެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ނިޒާމެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެފައިވަނިކޮށް، ސަރުކާރުން މިހާރު މިވަނީ މުހިންމު އިޞްލާޙީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަން ޖެހޭ ގޮތަށް މިނިސްޓްރީ އޮފް ހެލްތުން މިހާރު ވަނީ ކަނޑައަޅައި އިޢުލާނުކޮށްފައެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އަންނަ ޖެނުއަރީ މަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފަށާނެއެވެ. މަތީ އާމްދަނީ ލިބޭ މީހުން، ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވައި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ބޭސްފަރުވާގެ ޚިދުމަތް ހޯދާނަމަ، އެ ޚިދުމަތަކަށް ހިނގާ ޚަރަދުގެ 15 ޕަސެންޓް އަމިއްލަ ޖީބުން ކޯ-ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
އެހެންނަމަވެސް، ބަލިމީހާގެ ހާލަތަށް ރިޢާޔަތްކޮށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާ ފަރުވާތަކުގައި މި މީހުން އިސްތިސްނާއެއް ނުވާނެއެވެ.
މީގެއިތުރުން، ޤައުމުގެ އެކި ދާއިރާތަކަށް ކޮންމެހެން ބޭނުންވާ ފަންނީ ޤާބިލު މީހުން ދެމެހެއްޓުމަށްޓަކައި މި އުޞޫލުން ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސްގެ ދާއިރާތަކުގެ ފަންނީ މުވައްޒަފުން ހިމެނެއެވެ. މި ފަރާތްތަކަށް 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނު ކަމުގައިވިޔަސް މި ކޯ-ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކުރެއްވި ފަދައިން، އެންމެ މުއްސަނދި މީހާއާއި އެންމެ އާދައިގެ މީހާއާ ދެމެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖް ދިނުމަކީ ޢަދުލުވެރި ނިޒާމެއް ނޫނެވެ.
ރައީސް ވިދާޅުވި ގޮތުގައި 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ކޯ-ޕޭ ނުވަތަ ޕްރީ-ޕޭގެ އުޞޫލުން ޚިދުމަތް ހޯދަން ފެށުމުން، ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އަދި މި ފައިސާ ސަލާމަތްކުރެވިގެން ދިއުމަކީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެހެނިހެން އަސާސީ ކަންކަމަށް ޚަރަދުކުރުމަށް ސަރުކާރަށް ލިބިގެންދާނެ ބޮޑު ފުރުޞަތެކެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބެލިނަމަވެސް، އެއްވެސް ޚަރަދަކާ ނުލައި މުޅިން ހިލޭ ބޭސްފަރުވާ ކުރުމަކީ ދައުލަތަކަށް ފަސޭހަކަމެއް ނޫނެވެ. ސްވިޑަން، ނޯވޭ، ކެނެޑާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ޞިއްޙީ ދާއިރާއަށް ބޮޑު ހޭދައެއް ކުރިނަމަވެސް، ކޮންމެވެސް ސިފައެއްގައި ރައްޔިތުންގެ ބައިވެރިވުން ނުވަތަ ކޮންޓްރިބިއުޝަން އޮވެއެވެ.
މޮރިޝަސް އާއި ސްރީލަންކާ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައިވެސް ސަރުކާރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ލިބުނު ކަމުގައިވިޔަސް، އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާއިރު ފީ ދައްކަން ޖެހެއެވެ. އަދި މި ޤައުމުތަކުގައި މިފަދަ ނިޒާމުތައް ބިނާކޮށްފައިވަނީ ބޮޑެތި ޓެކްސްތަކުގެ މައްޗަށެވެ.
އެހެންނަމަވެސް، ދިވެހި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުމުގެ ބަދަލުގައި، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިސްރާފު ކުޑަކޮށް، ޚަރަދުތައް އެންމެ ބޭނުންތެރި ގޮތުގައި ހަމަޖެއްސުމެވެ.
މި ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ފަށާފައިވާއިރު، ރާއްޖެއިން ލިބެން ހުންނަ ފަރުވާތައް ވެސް ބަލިމީހާގެ ހާލަތަށް ބަލައި ރާއްޖެއިން ބޭރުން އާސަންދަ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މިއީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެއިތުރުން، އަމިއްލަ ހޮސްޕިޓަލްތަކުން ދޭ ބައެއް ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އެންސްޕާއާއި އާސަންދައަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށްޓަކައި، ބޭހާއި ޓެސްޓުތައް ލިޔެދިނުމުގައި ހަރުދަނާ އުޞޫލުތަކެއް ޤާއިމުކުރުމަކީވެސް މި ނިޒާމު ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެހެންކަމުން މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އަމިއްލަ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާއިރު 15 ޕަސެންޓުގެ ކޯ-ޕޭމަންޓެއް ދައްކަން ނިންމި ނިންމުމަކީ ޤައުމީ ޞިއްޙީ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބަދަލުގެ ސަބަބުން އެންމެ ބޭނުންޖެހިފައިވާ، އާމްދަނީ މަދު އާދައިގެ ރައްޔިތުންނަށް އެއްވެސް ހުރަހެއްނެތި ފުރިހަމަ ޚިދުމަތް ލިބި، ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތްވެ، އެ ފައިސާ ޤައުމުގެ އެހެނިހެން ތަރައްޤީއަށް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.