މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފުނަދޫން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ނީލުވިލާ، ޢުމުރުން 30 އަހަރުގެ ޢާދަމް ފަތުޙީއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނުން މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 5.15 ގްރާމް ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.