ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 11،400 ޓަނުގެ މަސް ރައްކާކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން އިއްވަވައިދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ މުހިންމު ދެ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މަސް ފިނިކޮށް ރައްކާކުރާ ނިޒާމުތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު އެގާރަހާސް ހަތަރުސަތޭކަ ޓަނުގެ ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާނެ. އަދި މެރިކަލްޗަރ ފުޅާކުރުމަށް ރޭވިފައިވާއިރު، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަ ކޮށްގެން ބަހައްޓާ އައިސްޕްލާންޓުތައްވެސް ހިމެނޭ.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި އަލަށް ޤާއިމުކުރެވޭ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް އެތެރެކުރުން މަދުކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހައްޤުވާ ހަމައަގު ކަށަވަރުކޮށްދިނުމަށް ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަޅުރަށްރަށާއި ފަޅުތަކާ ގުޅޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އޭގެ ފައިދާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.