ގދ. ތިނަދޫ ސިޓީގައި ފުލުހުން ގުޅިގެން ހިންގި ޚާއްޞަ ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ތިނަދޫގެ ހަތަރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
-
އަޙްމަދު ހާޝިމް (36އ)، މިނިވަންއައްސޭރި / ގދ. ތިނަދޫ
-
އަތޫފް އަޙްމަދު (25އ)، ވެހަފުލާ / ގދ. ތިނަދޫ
-
ނާޖިދު ޢަބްދުﷲ (42އ)، ވިލާޑީލައިޓް / ގދ. ތިނަދޫ
-
މުޙައްމަދު ޝާއިފް ޖަލީލް (18އ)، ފުސްފަރާގެ / ގދ. ގައްދޫ
މި އޮޕަރޭޝަންގައި ބަލައިފާސްކުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 6.3 ގްރާމް ހުރި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ކަމާބެހޭ އިދާރާތަކުން އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.