އެފްއޭއެމް ޓާފް 1 ގެ މަސައްކަތް މި މަހު ކުރީކޮޅު، ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުންނާ، މާލެ ސަރަހައްދުގެ ފުޓުބޯޅަ އެކަޑަމީތައް އަދި އާންމުން ބޭނުންކުރާ މި ދަނޑުގެ ޓާފް ހަލާކުވެ، ކުޅުންތެރިންނާ، ކޯޗުން އަދި އާންމުންގެ ފަރާތުންވެސް ވަނީ އެކަމުގެ އަޑު އުފުލާފައެވެ. އެންމެ ފަހުން މި ދަނޑުގެ ޓާފް ބަދަލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރުގައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މި ދަނޑަށް ބޭނުންވާ ޓާފް ފޯރުކޮށްދޭއިރު، މި ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެފްއޭއެމް ޓާފް ދަނޑުގެ ޓާފް އާކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި، މި މަސައްކަތުގެ މަސައްކަތް މި މަހު ކުރީކޮޅު އެއްކޮށް ނިންމާ ދަނޑު ބޭނުން ކުރެވޭނެ ކަމަށެވެ.
މީގެ ކުރިން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވީ، އެފްއޭއެމް ޓާފް 1 ގެ އިތުރުން އެފްއޭއެމް ޓާފް 2 ގެ މަރާމާތުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ޓާފް ދެ ދަނޑުގެ އިތުރުން އެފްއޭއެމް ގުދަން ބަރި ބިމުގައި (ކުރީގެ މިނީ ޓާފް ސަރަހައްދު) އިތުރު ދެ ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށްވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.
ޓާފް 2 އަދި އަލަށް ހަދަން ނިންމާފައިވާ ދެ ޓާފް ދަނޑުގެ މަސައްކަތް ކުރާނީ އޭއެފްސީގެ އެހީތެރިކަމާއެކުގައި ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމް ޓާފް ދަނޑުތަކުގެ މައްސަލަ ހައްލުވެގެން ދިޔުމަކީ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާ ކޯޗުން އަދި އެ ދަނޑުތައް ބޭނުންކުރާ އެކަޑަމީތަކާ އާންމުންނަށް ލިބޭނެ ބޮޑު ލުއި ފަސޭހަކަމަކަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.