މާލޭގައި ހުންނަ ފަހާ ތަނަކަށް ދިޔަ 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ ފަހާ ތަނަކަށް ދިޔަ އެ ޒުވާން އަންހެން މީހާ ހެދުމުގެ މިން ނެގުމަށްޓަކައި ޗޭންޖިން ރޫމަށް ވެއްދުމަށް ފަހު، އެ ތަނުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، ހައްޔަރުކުރި މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވެސް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން، ޖިންސީ ގޯނާގެ އެހެން މައްސަލައެއްގައި ތުހުމަތުކުރެވޭ އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.