މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓަށް ބަލާއިރު، ރާއްޖެ އައި ފަތުރުވެރިންގެ 15 އިންސައްތައަކީ މި އުމުރުފުރާގެ އަންހެނުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީވެސް ހަމަ އެ އުމުރުފުރާގެ ފިރިހެން ފަތުރުވެރިންނެވެ. ޚާއްޞަ ގޮތެއްގައި، އުމުރުން 65 އަހަރުން މަތީގެ މީހުން ފިޔަވައި، އެހެން ހުރިހާ އުމުރުފުރާއަކުންވެސް ފިރިހެނުންނަށްވުރެ އިތުރަށް ރާއްޖެއަށް އައިސްފައިވަނީ އަންހެނުންނެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 1،775،974 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު، ނުވަތަ 74 އިންސައްތަ (1،292،053 މީހުން) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ގެސްޓްހައުސްތަކަށެވެ. އެއީ 21.6 އިންސައްތަ ފަތުރުވެރިންނެވެ. އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރީ 39،112 ފަތުރުވެރިންނެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި 18.9 އިންސައްތައިގެ ޙިއްޞާއަކާއެކު އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިންވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ. ލިސްޓުގެ ހަތަރުވަނައިގައި ޖަރުމަނުވިލާތް އަދި ފަސްވަނައިގައި އިޓަލީވިލާތް އޮތްއިރު، ކުރިން އެންމެ ކުރީގައި އުޅުނު އިންޑިއާ މިހާރު އޮތީ ލިސްޓުގެ ހަވަނައިގައެވެ.