ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" އަށާއި މޯލްޑިވްސް އެކްސްޕޯއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މަޢުރަޒުގެ ކާމިޔާބީއާ ގުޅޭގޮތުން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، 10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު އަލުން ފެށި މި މަޢުރަޒު، މިހާރު ކުރިއަށް ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި އައު ވިސްނުންތަކާއެކު ކަމަށެވެ. އަދި އަހަރުން އަހަރަށް މި އިވެންޓް އަންނަނީ އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރަމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މި މަޢުރަޒުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރި އިޤްތިޞާދު (ކްރިއޭޓިވް އިކޮނޮމީ) ކުރިއެރުވުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ޙިއްޞާ ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، މަޢުރަޒު ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 205،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ދުވާލަކަށް އެވްރެޖުކޮށް ގާތްގަނޑަކަށް 41،000 މީހުންނެވެ.

މިއަހަރުގެ މަޢުރަޒު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ވާދަކުރުމުގެ ބައިގެ އުފެއްދުންތަކަށް ޚާއްޞަ ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޓެކްނޮލޮޖީއަށް ޚާއްޞަ ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ އިތުރުން މުނިފޫހިފިލުވުމާއި ސަޤާފީ ޙަރަކާތްތަކަށް ޚާއްޞަ އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް ހިމެނެއެވެ.

މިފަހަރުގެ މަޢުރަޒުގައި 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ބައިވެރިކުރި 2،400 އުފެއްދުމާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ބައިވެރިންގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި ޖަމްޢިއްޔާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ފޯރިއާއެކު މި މަޢުރަޒުގައި ބައިވެރިވެފައެވެ.