ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގައި އިސްކަންދޭ ދާއިރާތަކުން އިންވެސްޓްމަންޓްތައް ބޭނުންކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކުރެވި، ވިޔަފާރީގެ ޢަމަލީ އައު ފުރުޞަތުތަކަށް މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މިއީ އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މި ފޯރަމް މެދުވެރިކޮށް ރާއްޖެއަށް ފައިދާހުރި ދާއިރާތައް ދެނެގަނެވި، އިސްކަންދީގެން މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖެއާއި ޗައިނާގެ އިޤްތިޞާދުގެ ސައިޒުގައި ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް، ދެ ޤައުމު ގުޅިގެން ދެފަރާތަށް ފައިދާވާނެ ޢަމަލީ މަސައްކަތްތައް ކުރުމަށް ފަހި ފުރުޞަތުތަކެއް އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ދެ ޤައުމުގެ އިޤްތިޞާދީ އެއްބާރުލުމުގެ އައު މަރުޙަލާއަކަށް އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ފޯރަމުން ދައްކުވައިދެނީ ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން ފުޅާކުރުމަށް އޮތް ބޮޑު ޝައުޤުވެރިކަން. މޯލްޑިވްސް އެކްސްޕޯ 2026 އާއެކު މި ފޯރަމް ކުރިއަށްދިއުމަކީ މި މަސައްކަތަށް ލިބޭ އިތުރު ބާރެއް،

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގެ ސަބަބުން ޗައިނާގެ ކުންފުނިތަކުގެ ޒަމާނީ އުފެއްދުންތަކާއި ޓެކްނޮލޮޖީ އަދި ޤާބިލުކަން ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި، 2024 ވަނަ އަހަރު ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވިފައިވާކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. އަދި މި ގުޅުން ބިނާވެފައިވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓް، އުމްރާނީ ތަރައްޤީ އަދި ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 1 ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ މި އެއްބަސްވުމުގެ ދަށުން ލިބިދޭ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު އިތުރަށް ފުޅާކޮށް ވަރުގަދަކުރުން ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހަމައެއާއެކު، ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.